އިންތިޚާބު ފަސްކުރަން އެދިފައެއް ނެތް: އީސީ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން މުއައްސަސާއަކުން އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.


ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މިހެން ވިދާޅުވީ، ކައުންސިލް އިންތިޚާބު ފަސްކުރަން ވެރިކަން ކުރާ އެމްޑީޕީން އެދޭނެކަން މާ ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ޓުވީޓް ކުރެއްވުމުންނެވެ.

ޝިޔާމްގެ ޓުވީޓު.

އަކްރަމް ވިދާޅުވީ، ކައުންސިލްތަކުގެ އިންތިޚާބަށް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އީސީން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމާއި ގުރުއަތު ނެގުން ތާވަލާ އެއްގޮތަށް އެކި ރަށްރަށުގައި މާދަމާ ކުރިއަށް ގެންދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"އެއްވެސް ޕާޓީއަކުން ހުށަހަޅާފައި، އަދި ކޮމިޝަނުގެ ވިސްނުމެއް ވެސް އިންތިޚާބު ފަސްކުރާކަށް ނެތް،" ގުރުއަތު ނަގަން އައްޑު އަށް ވަޑައިގެން ހުންނެވި އަކްރަމް ވިދާޅުވި އެވެ.

މި އިންތިޚާބުގައި ވާދަވެރިކަން ބޮޑީ، އެމްޑީޕީ އާއި ޕީޕީއެމްގަ އެވެ. ކައުންސިލް އިންތިޚާބަށް އެމްޑީޕީން 877 ގޮނޑި އަދި ޕީޕީއެމުން 673 ގޮނޑި އަށް ވަނީ ކުރިމަތިލައިފަ އެވެ.

އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.