އިދިކޮޅު އަޑު އިއްވަން މަޖިލީހުގައި ފުރުސަތެއް ނުދޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މަދު އަދަދެއްގެ އިދިކޮޅު މެމްބަރުންނާއި މިނިވަން މެމްބަރުންނަށް އެ ބޭފުޅުންގެ ކަންބޮޑުވުންތައް އިއްވަން ރިޔާސަތުން ފުރުސަތު ނުދޭ ކަމަށް ތުހުމަތު ކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ނަޝީދު "މިހާރު" އަށް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ދެ ކަމެއް، ކުއްލި މައްސަލައިގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވުމުން އެ ދެ މައްސަލަ ވެސް ބަލައި ނުގެން ބޭރުކޮށްްލީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރުހުން ހޯދަން ސެކްރެޓޭރިއަޓުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން މަޖިލީހުގެ އަމީން އާއްމާއި ކައުންސެލް ޖެނެރަލް ވެސް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދުގެ ރުހުން ހޯއްދަވަން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މަޖިލީހުގެެ އަމީން އާއްމު، ފާތިމަތު ނިއުޝާ އާއި، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އަދި ސާޖަންޓް އެޓް އާމްސް މުހައްމަދު ހަމީދު ތިއްބަވަނީ ހަގީގަތުގައި މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަށުވެފައި. އެއީ އިއުލާންކުރުމަަކާ ނުލައި އެ ބޭފުޅުންނަށް ތަބަކަކަށް ލާފައި ދީފައި އޮތް ވަޒީފާތަކެއް ވީމާ. މިހާރު އެ ތިން ބޭފުޅުން މަގާމު އަދާކުރައްވަމުން އެ ގެންދަވަނީ ސިޔާސީ މަގާމުތަކެއް ގޮތަށް،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު ކޮންމެ ގޮތަކަށް ކަމެއް ކުރެއްވިޔަސް މަޖިލީހުގެ ސެކްރެޓޭރިއަޓުން މިހާރު އެކަން ފާހަގަ ވެސް ނުކުރާނެ ކަމަށެވެ.

ނަޝީދު އެންމެ ފަހުން މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވީ އިންޑިއާގައި ހިންގާ ދީނީ ހަމަނުޖެހުންތަކުގައި އެ ގައުމުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކުގައި އިންޑިއާ ސަރުކާރުން އަމަލުކުރަމުންދާ ގޮތް ދިވެހި ސަރުކާރުން ކުށްވެރި ނުކުރާ މައްސަލަ އެވެ. އޭގެ ކުރިން ހުށަހެޅުއްވީ ރާއްޖޭގައި އިލްމާނީ ފިކުރު ފަތުރަން ޖަމާއަތެއްްގެ މީހުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވުމަށެވެ.

"ރިއާސަތުން އެކި މެމްބަރުންނާ މެދު ތަފާތު ކުރޭ"

ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ޖަލްސާތަކުގައި އެކި މެމްބަރުންނާ މެދު ތަފާތު އުސޫލަކުން އަމަލުކުރައްވާ ކަމަށާއި ފުރުސަތު އޮންނަނީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެކަނި ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަޑައިގެންނެވި ދުވަހަކު އައިޖީއެމްއެޗާ ބެހޭ ސުވާލެއް ކުރައްވަން އުޅުއްވުމުން ރިޔާސަތުން އެކަން ހުއްޓުވި ހުއްޓުވުމެވެ.

"އެކަމަކު މިސާލަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަޑައިގެންނެވި ދުވަހު، އެ ދުވަހުގެ މައުލޫއާ ނުގުޅޭ ސުވާލެއް [އެމްޑީޕީގެ މެމްބަރަކު] ކުރެއްވުމުން، ނަޝީދު އެދިވަޑައިގެންނެވީ އިމްރާން ލައްވާ ވަކި ގޮތަކަށް ޖަވާބު ދެއްވަން. އެހެންވެ، އެ ސުވާލަށް ފުރުސަތު ދެއްވި،" އޭނާ ވިދާޅުވި އެވެ.

ނިޒާމާ ބެހޭ މައްސަލައެއް ނަންގަވަން އުޅުއްވިޔަސް އެ ތަފާތު ގެންގުޅުއްވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

"މިސާލަކަށް އަޅުގަނޑުގެ ނަން އިއްވެނީ ނިޒާމާ ބެހޭ މައްސަލައެއް ނަގާތީ، އެކަމަކު ނަޝީދު ބައެއް ފަހަރު އެމްޑީޕީ މެމްބަރުންނަށް ފުރުސަތު އެބަ ދެއްވާ އެ ބޭފުޅުން މައްސަލައެއް ނަންގަވަން އުޅުއްވާ ކަމަށް ހީވެގެން ވެސް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސަތުގައި ނަޝީދު އިންނަވާ އިރު އެގޮތަށް ކަންތައް ކުރެއްވިޔަސް ނައިބު ރައީސް އީވާ އަބްދުﷲ އިންނަވާ އިރު، އިދިކޮޅު މެމްބަރުންނަށާއި އަމިއްލަ މެމްބަރުންނަށް ފުރުސަތު ދެއްވުމުގައި އިސްކަން ދެއްވާ ކަަމަށެވެ. އެގޮތުން ވާހަކަ ދައްކަން ފުރުސަތަށް އެދިވަޑައިގަންނަވާ މެމްބަރުންގެ ތަރުތީބަށް ބަލާ އިރު، އިދިކޮޅު މެމްބަރުންނަށް ފަހުން ފުރުސަތު ލިބެން އޮތް ނަަމަވެސް ، އެ މެމްބަރުންނަށް އީވާ އަވަހަށް ފުރުސަތު ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރުސަތަށް އެދޭ އިރު އޮވެދާނެ އެމްޑީޕީ ފަސް މެމްބަރުން، އޮވެފައި ޕީޕީއެމް ނޫނީ ޕީއެންސީ މެމްބަރެއް. ދެން އަނެއްކާ އޮވެދާނެ އެމްޑީޕީ ދެ މެމްބަރުން. އީވާ ރިޔާސަތުގައި އިންނެވިއްޔާ، އެއްކޮށް އެމްޑީޕީގެ ފަސް މެމްރުންނަށް ފުރުސަތު ދެއްވުމުގެ ބަދަލުގައި ފުރުސަތު ދެއްވާނީ، އެމްޑީޕީ މެމްބަރެއް، ދެން އިދިކޮޅު މެމްބަރއް، މިކަހަލަ ތަރުތީބަކުން،" މޮސްޓާ ވިދާޅުވި އެވެ.