ލާމަރުކަޒީ ނިޒާމަށް ބޭރުގެ އެހީ ލިބޭނެ: ޝާހިދު

ރަނގަޅު ލާމަރުކަޒީ ނިޒާމެއް ހިންގަން ބޭރު ގައުމުތަކުގެ އެހީތެރިކަން ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ގދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ވާދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެ ބަލައިގެންފައިވާ ކަމަށާއި ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ބޭރުގެ ގައުމުތަކުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

ރަށްރަށުން ހިންގަން ބޭނުންވާ މަޝްރޫތައް ފޮރިން މިނިސްޓްރީ އަށް ފޮނުވުމުން އެކަންކަމަށް ބޭރުގެ އެހީ ހޯދާނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ބޭރުގެ ގައުމުތަކުން އެބަހުރި މި ދެންނެވި ފަދަ ލާމަރުކަޒީ ނިޒާމެއްގައި ހިންގަން ބޭނުންވާ މަސައްކަތްތަކަށް އެހީ ދިނުމުގެ ވަސީލަތްތައް ރާވާފައި،" ޝާހިދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން ކުރައްވާ ކެމްޕެއިން ދަތުރުގައި ރަށަކުން މަރުހަބާ ކިޔަނީ. --- ފޮޓޯ: އެމްޑީޕީ

ލާމަރުކަޒީ ނިޒާމް ރަނގަޅަށް ހިންގޭނީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށާއި ޕީޕީއެމަށް އެ ނިޒާމް ނުހިންގޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިހާތަނަށް ގިނަ ކައުންސިލްތަކަށް މަސައްކަތް ނުކުރެވުނީ މާލީ މިނިވަން ކަމެއް ނެތިގެން ކަމަށާއި ނަމަވެސް އާ ބަދަލާއެކު ކައުންސިލްތަކަށް އެ ބާރުވެރިކަން ލިބޭނެ ކަމަށެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ކުޑަ ހުރިހާ ޕްރޮޖެކްޓެއް ކައުންސިލަށް ހިންގޭ ގޮތަށް ނިޒާމު ބަދަލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.