އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ ފައިދާ ފެންނާނެ: ރައީސް

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ ފައިދާ ފެންނާނެ ކަމަށް ވިދާޅުވެ، ލާމަރުކަަޒީ ގާނޫނަށް ގެނައި އެ ބަދަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތައުރީފު ކުރައްވައިފި އެވެ.


ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް، އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމްކޮށްގެން، ވިލިމާލޭގައި ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އެންމެ ބޮޑު އަދި އެންމެ މުހިއްމު ބަދަލަކީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތައް ރިޒާވްކުރުން ކަމަށެވެ. ސިޔާސީ ކޮންމެ އެއްވުމަކުން މިހާރު އެ ބަދަލު ފެންނަ ކަމަށާއި އެއީ އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ ދައުރުގެ ހިއްސާ އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ސަފުތަކުގެ އެންމެ ކުރިން އަންހެނުން ފެންނަން ފަށައި، މި އިންތިހާބުކުރެވޭ ކައުންސިލްތަކުގައި، ރަށާއި ސިޓީ ކައުންސިލްތަކުން ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ބޮޑުތަނުން އިތުރުވެގެންދާނެ. އަދި މިކަމުގެ ހެޔޮ ބަދަލު މުޅި ދިވެހިރާއްޖެ އިން ވެސް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު. --ފޮޓޯ:އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކުރި ގޮނޑިތަކުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރުވެސް ރާއްޖޭގެ ތަަރައްގީއަށް މުހިއްމެވެ. ކޮމިޓީގެ މެމްބަރުންނަށް އުޖޫރައެއް ދޭން ނިންމާފައިވާ ކަމަށާއި އެ ކޮމިޓީތައް ހިންގުމަށް ޓަކައި ކައުންސިލްތަކުގެ ބަޖެޓްގެ ފަސް ޕަސެންޓް ދޭން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން، މި ކޮމިޓީތަކަށް ލިބޭ ވަސީލަތްތައް އިތުރުވެ، ހިންގުން ހަރުދަނާ ވެގެންދާނެ. އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގައުމުގެ ހާލަތު ރަނގަޅު ކުރުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެކުލެވޭކަން. މިފަދަ ކޮމިޓީތަކުގެ ދައުރު މުހިއްމު ވަނީ މި ސަބަބަަށް ޓަކައި،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެމްޑީޕީގެ އަންހެނުން އަދާކުރަމުން އަންނަ ދައުރަށް ރައީސް މިއަދު ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށް ފަހު، މިއަދު އެ ޕާޓީ އޮތް ހިސާބަށް އަނބުރާ ގެނައުމަށް އަންހެނުން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި އޮތީ އަނިޔާވެރި ވެރިކަމެއް ކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ އެ އަނިޔާ އިން މިންޖުވުމަށް ކުރި މަސައްކަތުގައި އެންމެ ކުރީގައި ތިބީ އެމްޑީޕީގެ އަންހެނުން ކަމަށެވެ.

"ބެރިކޭޑްތަކާއި ޕެޕަސުޕްރޭތަކުގެ ތެރޭގައި ކެތްތެރިކަމާ އެކު ހަތް އަހަރު ހޭދަކޮށް ދިވެހިންނަށް ޑިމޮކްރެޓިކް ސަރުކާރެއްް ގާއިިމްކުރުމުގެ ފުރުސަތު ލިބުނީ ތިޔަ، ފިސާރި އަންހެނުންގެ މަސައްކަތުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސަރުކާރުން އަންހެނުންނަށް އިސްކަންދޭ މިންވަރުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރުމުން އޭގެ ފައިދާ ވަރަށް ކައިިރިން، ރައީސް އޮފީހުން ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ވެސް އެ ސިޔާސަތު ބަލައިގެންފައިވާ ކަމަށާއި ފަހުރުވެރި އާއިލާއެއްް ބިނާކުރުމަށް އެއީ މުުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެކެން ބޭނުންނުވާ އެތައް ކަމެއް މުޖުތަމައުގައި ހިނގާ ކަމަށާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާއަކީ އޭގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަން ހުއްޓުވަން ސަރުކާރުގެ ސިޔާސަތުތަކެއް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކޮންފަރެންސް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަދި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެވެ.