ބަންގްލާދޭޝް އިން ރާއްޖެ އަށް މީހުން އައުން މަނާކޮށްފި

ބަންގްލާދޭޝް އިން ވެސް ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައި ވާތީ އެ ގައުމަށް ރާއްޖެ އަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.


ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ސާކިއުލާއެއްގައި ބުނީ، ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް ދަތުރުކޮށްފައިވާ މީހަކު ރާއްޖެ އަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝް އިން ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާކަން އިއުލާނުކުރީ އިއްޔެ އެވެ. އެ ތިން މީހުންނަކީ މިހާރު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީގެ ދުވަސްކޮޅެއް ކުރިން ބަންގްލާދޭޝް އަށް ދިޔަ ބައެކެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސީއީއޯ ހުސައިން ޖަލީލު މިއަދު ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނަ ބިދޭސީން ގެންނަ ބަންގްލަދޭޝް އިން ރާއްޖެ އަށް މީހުން އެތެރެވުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، އެ ގައުމުން އަންނަ އެއާލައިންތަކަށް އެކަން މިހާރު އަންގާފައިވާ ކަމަށެވެ.

ބަންގްލަދޭޝް އިން މީހުން އައުން މަނާކުރީ، ޗައިނާ އާއި އިޓަލީއާ މެދު ވެސް އަމަލު ކުރި އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން ކުރިން ވަނީ ޗައިނާ އާއި އިރާނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން އަދި އިޓަލީން މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އިޓަލީން މީހުން އައުން މަނާކުރީ، ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ޓޫރިސްޓަކު އެނބުރި ގައުމަށް ދިޔަ ފަހުން، އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެންގި ހިސާބުންނެވެ.

އޭގެ ފަހުން، ކުރެއްދޫ ރިސޯޓު ކަރަންޓީނުކޮށް، ކުރި ޓެސްޓުތަކުން ދެއްކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަމެވެ. އަދި ބަތަލާ އައިލެންޑުގައި ތިބި ތިން ބިދޭސީއަކު ޓެސްޓް ކުރިއިރު އޭގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ ވަނީ ބުނެފަ އެވެ.

އެއްވެސް ދިވެއްސެެއްގެ ގައިން މިހާތަނަށް ކޮވިޑް-19 ފެނިފައެއް ނުވެ އެވެ.