ކޮވިޑް-19: އިޓަލީ މީހާއާ މެދު އިހުމާލުވިތޯ އެބަލަން: ފުލުހުން

ރާއްޖެ އަށް ކޮވިޑް-19 އަންނަން މެދުވެރިވި އިޓަލީ މީހާ ރާއްޖެ އިން ފުރައިގެން ދިޔައީ އޭނާގެ ގައިގައި ބަލި ހުރިކަން ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެ ފުރުސަރު ނުލިބި ކަމަށް ވާތީ އެކަމުގައި އިހުމާލެއް އޮތްތޯ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅުނީ އިޓަލީގެ ޓޫރިސްޓުގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނިފައިވާއިރު، އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. ފުލުހުން މިއަދު ތަހުގީގެއް ފެށީ އޭނާ ވިދާޅުވި ގޮތުގައި، އިޓަލީ މީހާއާ މުއާމަލާތް ކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގައި، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް އިހުމާލުވެފައިވޭތޯ ބެލުމަށެވެ.

ކުރެއްދޫ ރިސޯޓްގެ ބޭރު ޑޮކްޓަރުގެ ކިބައިން ވެސް ފެންނަން ފެށީ ކޮރޯނާވައިރަސް އިން ޖައްސާ ކޮވިޑް-19 ބަލީގެ އަސަރުތައް ކަމަށް ލަފާކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މައްސަލަ ގެނައީ، އިޓަލީގެ ޓޫރިސްޓް އެނބުރި ގައުމަށް ގޮސް، ކޮރޯނާވައިރަސް އަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމުންނެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިޓަލީ މީހާ ޗުއްޓީ ހޭދަކުރި ކުރެއްދޫ އައިލެންޑް ރިޒޯޓުގެ މުވައްޒަފުންނެވެ. ފަހުން އެނގުނު ގޮތުގައި އިޓަލީގެ ޓޫރިސްޓް ވަނީ ނުފުރިގެން މާލޭގައި ވެސް ދެ ދުވަސް ހޭދަކޮށްފަ އެވެ. އެހެންވެ، މާލެ އިން އޭނާއާ ގުޅުން ހުރި 16 މީހަކު ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ޓެސްޓް ކުރި އިރު އޭނާ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

ކޮވިޑް-19 ފެތުރުމުން ކުރެއްދޫ މިހާރު އޮތީ ކަރަންޓީނުކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އެ ކުރެއްދޫ ކަރަންޓީނު ކުރި އިރު 1،300 އަށް ވުރެ ގިނަ މީހުން އެރިސޯޓްގައި ތިއްބެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުން ހިމެނެ އެވެ.