އިންތިޚާބު ފަސްކޮށްދޭން އެމްއާރުއެމް އިން އިލެކްޝަންސް ކޮމިޝަންގައި އެދެފި

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްދޭން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އިލެކްޝަންސް ކޮމިޝަންގައި މިއަދު އެދެފި އެވެ.


އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ފަސްކޮށްދޭން ބައެއް ފަރާތްތަކުން މިހާރު އަންނަނީ ގޮވާލަމުންނެވެ. ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާތީ އިންތިޚާބު ފަސްކުރަން ގޮވާލަމުން ދިޔަޔަސް، އެފަދަ ނިންމުމެއް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ނުނިންމަ އެވެ.

އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ސޮއިކުރައްވައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް މިއަދު ފޮނުއްވި ސިޓީގައިވަނީ ކޮވިޑް-19 ރޯގާ އުޅޭތީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ގިނަ ބައެއްގެ އެއްބާރުލުން ނުލިބި އަދި ދައުލަަތުން އެ ދެ އިންތިޚާބަށް ކުރާ ޚަރަދުތައް އިސްރާފަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އަދި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތަށް ވެސް މިވަގުތު ހުރަސް އެޅިފައިވާ ކަމަށް ދެކޭ ކަމަށް އެ ސިޓީގައިވެ އެވެ.

އެހެންވެ، ޕާޓީތަކާއި ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު އެ އިންތިޚާބު ފަސްކޮށްދޭން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެމްއާރުއެމް އިން އެގޮތަށް އެދުނުއިރު، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކުރިން ވަނީ ވައިރަސްއާ ގުޅިގެން އިންތިޚާބު ފަސްކުރަން ގޮވާލައްވައިފަ އެވެ. އަދި އެމަނިކުފާނު މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އިންތިޚާބު ފަސްކުރަން އެމްއާރުއެމް އިން އެދުނުއިރު، އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް މިހާތަނަށް ނެތް ކަމަށެވެ. އަދި އިންތިޚާބު ފަސްކޮށްފި ނަމަ އިތުރަށް 30 މިލިއަން ރުފިޔާ އެކަމަށް ޚަރަދުވާނެ ކަމަށާއި މިހާތަނަށް ވެސް އެ އިންތިޚާބަށް 25 މިލިއަނާއި 30 މިލިއަނާ ދެމެދުގެ އަދަދެއް ޚަރަދު ކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އިންތިޚާބު ފަސްކުރަން ބައެއް ފަރާތްތަކުން ގޮވާލަމުން ދާއިރު، ސަރުކާރުން ބުނެފައިވަނީ އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ ޕާޓީތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެކަމަކު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބުނެފައިވަނީ އިންތިޚާބު ފަސް ކުރުމުގެ މަޝްވަރާގައި ބައިވެރިވާނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށެވެ.