ކުއްލި ބައްދަލުވުމުގައި ވެސް އިންތިޚާބު ފަސްކުރުމާ ގުޅޭ ވާހަކައެއް ނުދައްކާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާދޭ ގައުމީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބޭއްވި ނަމަވެސް އެ އިންތިޚާބު ފަސްކުރުމުގެ މަޝްވަރާއެއް ނުކުރެ އެވެ.


ގައުމީ ލަފާދޭ ކޮމިޓީގެ އެހެން ބައްދަލުވުންތަކާ ޚިލާފަށް މިރޭގެ ބައްދަލުވުން ބޭއްވީ ވެސް މީޑިއާ ނުވައްދަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިރޭ 9:00 ގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކީ ކޮވިޑް-19 އާ ގުޅިގެން، ބައެއް ގައުމުތަކަށް ދަތުރުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައި ވާތީ، ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައި އަމަލު ކުރާނެ ގޮތަކާ މެދުގަ އެވެ. މިރޭގެ ބައްދަލުވުމުގެ ބޭނުމަކީ އެ މައްސަލައިގައި ކޮމިޓީގެ މެމްބަރުންގެ ހިޔާލު ހޯދުން ކަމަށް ވެ އެވެ.

އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު، ގައުމީ ލަފާދޭ ކޮމިޓީގެ މިރޭގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާ ނުކުރި ނަމަވެސް އެއީ މިހާރު އެތައް ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ.

ޚާއްސަކޮށް ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ އަށް މީހަކު ފެނި، އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ ބަޔަކު އެއްވެ ނޫޅުމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ބާރުއަޅާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެ އަޑު ނާހައި ބޮޑު އިންތިޚާބަކާ ދިމާ އަށް ދަތުރު ކުރާތީ އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އިންތިޚާބު ފަސްކުރުމުގައި އާންމު ސިއްހަތުގެ ބަދަލުގައި ކަންބޮޑުވެވަޑައިގަތީ އިތުރަށް ފައިސާ ޚަރަދު ކުރަން ޖެހިދާނެތީ އެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ: އިންތިޚާބު ފަސްކުރާ ނަމަ އިތުރަށް 30 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭ ކަމަށް ވިދާޅުވި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އޭނާ ވިދާޅުވީ، އިންތިޚާބު ފަސްކުރާ ނަމަ އިތުރަށް 30 ވަރަކަށް މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭ ކަމަށެވެ. މިހާރު ވެސް 25-30 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަނުން އަދިއެއް ނުގެންގުޅެ އެވެ. އިންތިޚާބުގައި، 2،000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާއިރު، އެ އިންތިޚާބު ބޭއްވުމަށް ގިނަ ޚަރަދުތައް ވެސް މިހާރު ވަނީ ކޮށްފައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ އަށް މީހަކު ފެނި، އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ގިނަ ބަޔަކު އެއްވެ ނޫޅުމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ބާރުއަޅާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެ އަޑު ނާހައި ބޮޑު އިންތިޚާބަކާ ދިމާ އަށް ދަތުރު ކުރާތީ އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހެނދުނުގެ ބައްދަލުވުމުގައި ބައެއް ޕާޓީތަކުންނާއި ބައެއް މަންދޫބުން ވަނީ، ކޮވިޑް ބަލީގެ ހާލަތާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފައެއް ހޯދުމަށް ފަހު، އިންތިޚާބު ބޭއްވުމާ މެދު ވީހާ ވެސް އަވަހަކަށް ގޮތެއް ނިންމަން އީސީގައި އެދިފަ އެވެ. އެކަމަކު، އެ އަށް އަދިވެސް އިޖާބަ ދިން ތަނެއް ނުފެނެ އެވެ.

އީސީގެ ވިސްނުން އަދިވެސް ހުރީ ވޯޓު ކަރުދާސް ޗާޕްކުރުމާއިގެން ކުރިއަށް ދާ ގޮތަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުން މިފަދަ ކަންކަން ފަސްކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ވިސްނުން ހުރީ އެއާ ޚިލާފަށެވެ. އަދި މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބޭނުންވަނީ ކޮވިޑް-19 ގެ ނުރައްކާ އޮތް ނަމަވެސް އިންތިޚާބާއިގެން ކުރިއަށް ދިއުމަށެވެ.

ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ބައްދަލުވުމުގައި ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އިންތިޚާބު ފަސްކުރުމުގައި އާންމު ސިއްހަތުގެ ބަދަލުގައި ކަންބޮޑުވެވަޑައިގަތީ އިތުރަށް ފައިސާ ޚަރަދު ކުރަން ޖެހިދާނެތީ އެވެ.

ނަމަވެސް އެ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވަނީ މި ދަނޑިވަޅުގައި އިންތިޚާބު ފަސްކުރުމަށެވެ. އަދި އެކަމަށް އެދި އެމަނިކުފާނުގެ އެމްއާރުއެމް ޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. މީގެ އިތުރުން ބައެއް ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މައުމޫން މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެކަމަކު، މައުމޫންގެ ކަންބޮޑުވުންތަކާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، އެތައް ބައެއްގެ ބާރު އެޅުމާއި ފިއްތުންތަކާ ގުޅިގެން މިހާރު ވަނީ މިޑް ޓާމް ޗުއްޓީ އަށް ފަހު ސްކޫލްތައް ހުޅުވުން ވެސް ހަފުތާ އަކަށް ފަސްކޮށްފަ އެވެ. ސަރުކާރުން އެ ނިންމުން ވެސް އެންމެ ފަހުން މިރޭ ނިންމީ އެތައް ބައެއްގެ ފާޑުކިޔުމާއި ފިއްތުންތަކާ ހެދި އެވެ.