ވިސާ ދިނުމުގައި ދިވެހިންނަށް ހާއްސަ އިސްތިސްނާއެއް ދޭން އިންޑިއާ އިން ނިންމައިފި

ކޮވިޑް-19 ރޯގާ ކޮންޓްރޯލްކުރުމަށް އިންޑިއާ އިން އަޅާ ފިޔަވަޅެއްގެ ގޮތުން، އެއްވެސް ގައުމެއްގެ މީހުންނަށް ވިސާ ނުދޭން އިންޑިއާ އިން ނިންމި ނަމަވެސް ކޮންމެހެން އިންޑިއާ އަށް ދާންޖެހޭ ދިވެހިންނަށް އިސްތިސްނާއެއް ދޭން ނިންމައިފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ޝާހިދު ކުރެއްވި ޓްވީޓެއްގައި މި ހާއްސަ ހާލަތުގައި ދިވެހިންނަށް ދިން ލުޔަށްޓަކައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ވަނީ ކޮންމެހެން އިންޑިއާ އަށް ދާންޖެހޭ ދިވެހިން އެކަން ހަމަޖައްސަން އިންޑިއާ ހައިކޮމިޝަނާ ގުޅައިގެން އެކަން ހަމަޖައްސަން އެދިފަ އެވެ. އަދި އިންޑިއާ އަށް ދާން ކުރިން ވިސާ ނަގައި އަދި ދަތުރު ނުކުރާ ދިވެހިން ވެސް ވިސާ ވެލިޑޭޓްކުރުމަށް ހައި ކޮމިޝަނާ ގުޅަން ވަނީ އެދިފަ އެވެ. އަދި އިންޑިއާގައި މިހާރު ތިބި ދިވެހިންނާ މެދު އަމަލުކުރަމުން ގެންދާނީ، ރާއްޖެ އާއި އިންޑިއާއާ މެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑިއާ އިން ނިންމާފައި ވަނީ ޑިޕްލޮމެޓުންނާއި އދ.ގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މެންބަރުންނާއި ވަޒީފާގެ ބޭނުމަށް އަންނަ މީހުންނާއި ޕްރޮޖެކްޓް ވިސާ އޮންނަ މީހުން ފިޔަވައި އެހެން އެންމެންނަށް މިރޭ މެންދަމު 12:00 އިން ފެށިގެން އަންނަ މަހުގެ 15 އާ ހަމަ އަށް ވިސާ މެދުކަނޑާލާށެވެ.

ސްރީ ލަންކާ އިން ވެސް ވަނީ އޮންއެރައިވަލް ވިސާ ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފަ އެވެ. ނަމަވެސް ދިވެހިންނަށް މި އުސޫލު ނުހިނގާނެ ކަމަށާއި ކުރިން ވިސާ ނުނަގައި ލަންކާ އަށް ދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ލަންކާގެ އިތުރުން ތައިލެންޑުން ވެސް ވަނީ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. އެ ގައުމުން ވެސް ވަނީ ރާއްޖެ އިސްތިސްނާކޮށްފަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާ އާއި މި ބަލި މިހާރު އެންމެ ބޮޑަށް ފެތުރޭ ގައުމުތައް ކަމަށްވާ އިޓަލީ، އީރާން، ދެކުނު ކޮރެއާ، ފްރާންސް، ސްޕެއިން އަދި ޖަރުމަނަށް ފެބްރުއަރީ 15 ގެ ފަހުން ގޮސްފައިވާ މީހުން އިންޑިއާ އަށް އަންނަ ނަމަ 14 ދުވަހު ކަރަންޓީނުގައި ބައިތިއްބަން ވެސް ވަނީ ނިންމައިފަ އެވެ. މީގެ ތެރޭގައި އިންޑިއާ ރައްޔިތުން ވެސް އިސްތިސްނާއެއް ނުވާނެ އެވެ.

މިހާތަނަށް 123 ގައުމަކަށް ވައިރަސް ފެތުރި 126،386 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފަ އެވެ. އަދި މީގެ ތެރެއިން 68،313 މީހަކު ރަނގަޅުވެފައި ވާއިރު 4،635 މީހަކު ވަނީ މަރުވެފަ އެވެ.