ޗައިނާގެ އެހީ ރާއްޖޭން ގަބޫލު ނުކުރި ކަމަށް ޝިޔާމް ވިދާޅުވި ވާހަކަތައް ސަފީރު ދޮގު ކުރައްވައިފި

ކޮވިޑް-19 އިން އަރައިގަތުމަށް ޗައިނާ އިން ރާއްޖެ އަށް ފޯރުކޮށްދޭން އުޅުނު އެހީތައް ދިވެހި ސަރުކާރުން ބަލައި ނުގަތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ދޮގުކުރައްވައިފި އެވެ.


ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އާއްމު ބަލިތަކުގެ ޑޮކްޓަރުންނާ އެކު، ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ރާއްޖެ އަށް ފޯރުކޮށްދޭން ޗައިނާ އިން އުޅުމުން ދިވެހި ސަރުކާރުން އެކަން ގަބޫލު ނުކުރި ކަމަށެވެ. އެހެންވެ، ކޮވިޑް-19 އެންމެ ރަނގަޅަށް މެނޭޖް ކުރަމުން އަންނަ އެއް ގައުމު ޗައިނާގެ އެ އެހީތެރިކަން ބަލައިނުގަތް ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާފުކޮށްދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަދި ޕީއެންސީގެ ނައިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އަށް މި ދަނޑިވަޅުގައި ސިއްހީ އެހީތެރިކަން ބޭނުންވެފައިވާއިރު، ޗައިނާގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހުރަސްނާޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާގެ އެހީ ރާއްޖޭން ގަބޫލު ނުކުރި ކަމަށް ވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓް--

ޝިޔާމްގެ އެ ތުހުމަތުތަކާ ގުޅިގެން ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވައި ސަފީރު ޒަންގް ވިދާޅުވީ، ކޮވިޑް-19ގެ ކަންތަކުގައި ހައްލު ހޯދަން ރާއްޖޭގެ ކެބިނެޓާ އެކު ގާތުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ދެ ގައުމުން ވެވޭނެ އެހީތައް ބެލުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

ދިވެހިންގެ އެހީތެރިކަމާއި ހަމްދަރުދީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޗައިނާ އިން ފޯރުކޮށްދޭން މަސައްކަތް ކުރި އެހީ ދިވެހި ސަރުކާރުން ބަލައިނުގަތް ކަމަށް އިދިކޮޅުން ބުނާ މައްސަލައިގައި ވަަރަށް ސާފުކޮށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވާން އެމްޑީޕީގެ މެމްބަރަކު އެދުމުން ސަފީރު ވިދާޅުވީ "ނޫނެކޭ" ކަމަށެވެ. ނުވަތަ މެމްބަރު ޝިޔާމާއި މެމްބަރު ސައީދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ޗައިނާ ސަފީރުގެ ޓުވީޓް

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ޝިޔާމްގެ ވާހަކަތައް ދޮގު ކުރައްވައި މި ދަނޑިވަޅުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް ގޮވާލައި ޓްވީޓްތައް ކުރައްވަމުންނެވެ.

ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ވަނީ މިދިޔަ މަހު ހަދިޔާކޮށްފަ އެވެ.

ޗައިނާ އިން ރާއްޖެ އަށް ވެވޭނެ އެހީތައް ބަލަމުން އަންނަ ކަމަށް ސަފީރު ވިދާޅުވެފައިވާއިރު، އެ ގައުމާ ވާދަވެރި އިންޑިއާ އިން ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާގެ ތަޖުރިބާކާރުންނާއި ބޭސް ފޮނުވަން މިއަދު ވަނީ ނިންމައިފަ އެވެ.

ރާއްޖެ އަންނަ އިންޑިއާގެ ޓީމުގައި، ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުންނާއި ފިޒީޝަނުން އަދި ލެބް-ޓެކްނިޝަނުން ހިމެނޭނެ އެވެ. އޭގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ މުހިއްމު އެތައް ބޭހެއް ދިވެހި ސަރުކާރަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން އަށް ބިދޭސީން ޕޮޒިޓިވް ވެފައިވާއިރު މިއަދު ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އެއާ އެކު، މި ބަލިން އަރައި ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.