ކޮވިޑް-19: ކުރެއްދޫގެ އިތުރު 10 މީހެއްގެ ސާމްޕަލް ނަގަނީ

ރާއްޖެ އިން އެންމެ ފުރަތަމަ ކޮވިޑް-19 ބަލީގެ ދެ މީހުން ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރި ކޮށްފައިވާ 10 މީހެއްގެ ގައިން އެ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ، އެ މީހުންގެ ޓެސްޓު ހެދުމަށްޓަކައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.


ޅ. އަތޮޅުގައި ހިންގާ ކުރެއްދޫ ރިސޯޓުން މިހާތަނަށް ހަތަރު މީހަކު ވަނީ އަދި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ ރަށް ކަރަންޓީނުން ރެ އިން ފެށިގެން ދޫކޮށްލި ނަމަވެސް އަދިވެސް އެކަހެރި ކޮށްފައި އެ ރިސޯޓުގައި ބަޔަކު އެބަތިއްބެވެ. އަދި އެ މީހުންގެ ސިއްހަތާ ގުޅޭ ކަންކަން ބެލުމަށް ސިއްހީ ދާއިރާގެ އޮފިޝަލަކު ވެސް ކުރެއްދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮވިޑް-19 އަށް ކުރެއްދޫ ރިސޯޓުގެ މީހުން ޓެސްޓު ކުރަން ޖެހުނީ އެ ރިސޯޓަށް ޗުއްޓީ އަށް އައި އިޓަލީގެ ޓޫރިސްޓަކު އެނބުރި ގައުމަށް ދިޔަ ފަހުން، އޭނާ އެ ބައްޔަށް ޕޮޒިޓިވް ވި ކަން ރާއްޖެ އަށް އެންގުމުންނެވެ. އަދި އޭނާ ފުރުވައިލުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން، އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަކަށް ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ އަށް މީހެކެވެ. އެއީ ކުރެއްދޫގެ ހަތަރު މީހުންގެ އިތުރުން ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހަކާއި ކުމަރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހެކެވެ. އެ އެންމެނަކީ ވެސް ބިދޭސީންނެވެ.