އިންތިޚާބު ފަސް ކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް: އިދިކޮޅު

ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ރާއްޖޭގައި މިއަދު އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ހާލަތާ ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު، އެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.


އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ އިންތިޚާބު މިހާރު ވަނީ އެ މަހުގެ 18 އަށް ފަސްކޮށްފަ އެވެ. ގާނޫނު ބުނާގޮތުން މިހާރު މި ހިނގާ ކައުންސިލްތަކުގެ ދައުރު ހަމަ ވުމުގެ އެއްމަސް ދުވަސް ކުރިން އިންތިޚާބު ބާއްވަން ޖެހެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން 30 ދުވަހަށް އިއުލާން ކުރުމާއެކު، އިދިކޮޅު ކޯލިޝަނުން އޭރު ވަނީ އިންތިޚާބު ފަސް ކުރުމަށް ގޮވާލައި ބަޔާނެއް ވެސް ނެރެފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 10 އަކަށް ހަމަވާއިރު، އެ މަހުގެ 18 ގައި އިންތިޚާބު ބޭއްވުމުން ކެމްޕެއިން ކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ.

ކޮވިޑް-19 އަށް އަށް މީހަކު ރާއްޖޭން ޕޮޒިޓިވް ވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރީ ބެލެވޭ ގޮތުގައި ގޮތް ހުސްވެ، އެއްވެސް ގޮތެއް ނެތިގެންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެކި ޕްލެޓްފޯމުތަކުގައި ވަކާލާތު ކުރައްވަމުން ގެންދެވީ އިންތިޚާބު ފަސްކުރާ ހާލަތަކަށް ރާއްޖޭގައި ކޮވިޑް-19 ބަލި ނުދާ ކަމަށް ވިދާޅުވެ އެވެ.

މި ހާލަތުގައި ގިނަ ބަޔަކު އެއްވެ ކުރާ ކަންކަން ނުކުރަން ކަމާ ބެހޭ އިދާރާތަކުން ވަނީ އަންގައިފަ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި އިންތިޚާބު ފަސް ކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް. އެސްއޯއީ ނެގުމަށް ފަހު، ދެން އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އިދިކޮޅު ކޯލިޝަނުން ދެކެނީ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރުގެ ހާލަތަށް ބަލާއިރު، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭ އެވެ. އެ ފުރުސަތު ނުލިބި އިންތިޚާބެއް ބޭއްވުމަކީ އިންތިޚާބީ ހައްގަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދުރޭ ވަނީ ސިއްހީ ނުރައްކަލުގެ ހާލަތުގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް އަމަލު ކުރުމަށް ޕީޕީއެމްގެ ޕާޓީގެ ކެންޑިޑޭޓުންނަށާއި ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ކެމްޕެއިންގެ އެއްވުންތައް ނުބޭއްވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އިންތިޚާބު ފަސްކުރުން ނުވަތަ ފަސްނުކުރުމާ ގުޅުވައިގެން ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން ގެއަށް ބަދަލު ކުރަން ސަރުކާރާ އެކު މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ނަމަވެސް، ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރިން ވިދާޅުވެފައި ވަނީ އިންތިޚާބު ފަސްކުރުމާ ގުޅޭ މަޝްވަރާ އަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސަރުކާރާ އެކު ދާނީ ޔާމީން ޖަލުން މިނިވަންކުރާ ގޮތަށް ކަމަށެވެ. ނަމަވެސް އިންތިޚާބު މި ފަސްކުރީ އެ މަޝްވަރާ އަށް ނުގޮހެވެ.

އަދުރޭ މިރޭ ވިދާޅުވީ، ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކޮވިޑް-19 ގެ ކަންކަން ސިޔާސީ ނުކުރާ ކަމަށާއި އެ ކޯލިޝަނުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި އިންތިޚާބު ފަސް ކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް. އެސްއޯއީ ނެގުމަށް ފަހު، ދެން އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާން ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އިދިކޮޅު ކޯލިޝަނުން ދެކެނީ،" އަދުރޭ

މިއަދުގެ ނިއުސް ބްރީފިންގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާއްވަން ކަނޑައެޅި އަންނަ މަހުގެ 18 އަކީ ގާނޫނުގެ ތެރެއިން އެކަން ކުރަން ލިބޭ އެންމެ ފަހު ދުވަހެވެ. އެ ތާރީޚުގެ ފަހުން އިންތިޚާބު ބާއްވާ ނަމަ އެކަން ކުރެވޭނީ ހައި ކޯޓުން ނެރޭ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް އަށް މީހަކު ރާއްޖޭން ޕޮޒިޓިވް ވެފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރީ ބެލެވޭ ގޮތުގައި ގޮތް ހުސްވެ، އެއްވެސް ގޮތެއް ނެތިގެންނެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން މިއަދު އިއުލާން ކުރުމުންނެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެކި ޕްލެޓްފޯމުތަކުގައި ވަކާލާތު ކުރައްވަމުން ގެންދެވީ އިންތިޚާބު ފަސްކުރާ ހާލަތަކަށް ރާއްޖޭގައި ކޮވިޑް-19 ބަލި ނުދާ ކަމަށް ވިދާޅުވެ އެވެ. އެ ބޭފުޅުންގެ އެ ވާހަކަތަކާ ގުޅިގެން، ބައެއް މީހުންގެ ނުރުހުމާއި ފާޑުކިޔުމާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

އިންތިޚާބު ފަސް ކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ވަނީ ގާނޫނު ބުނާ މުއްދަތައްވުރެ ފަސްކޮށްފަ އެވެ.