ރައީސްގެ ވާހަކަފުޅު ދެކޮޅެއް ނުޖެހޭ: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅު ދެކޮޅު ނުޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބުނެފި އެވެ.


ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފެތުރެން ފެށި ކޮރޯނާވައިރަސް ރާއްޖެއާ ހަމައަށް ދަތުރުކޮށް، ރާއްޖެ އިން ވެސް ވަނީ އަށް މީހަކު ޕޮޒިޓިވް ވެފަ އެވެ. އެ އެންމެންނަކީ ބިދޭސީންނެވެ.

މި ހާލަތާ ގުޅިގެން، ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ އިގްތިސޯދީ ގޮންޖެހުންތަކާއި އަޅުއްވާނެ ފިޔަވަޅުތަކުގެ ވާހަކަ ވެސް ދައްކަވައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ރައީސްގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކު، މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު، އެކަމުން ރާއްޖެ އަށް އޮތް ނުރައްކާ ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ފެށި ކަމަށް ރައީސް މިއަދު ވިދާޅުވި ނަމަވެސް މިދިޔަ މަހުގެ ކުރީކޮޅު އެ މަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި އެފަދަ އެއްވެސް ވާހަކައެއް ނުހިމެނޭ ކަމަށެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމުގެ އަދަދުތައް ހާމަ ކުރެއްވިއިރު، މި ހާލަތަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކުރިއާލައި ދިރާސާ ކުރި ކަމަށް ރައީސް ވިދާޅުވާއިރު، ރިޔާސީ ބަޔާނުގައި އެ ކަންކަން ހާމަ ނުކުރެއްވީ ކީއްވެގެންތޯ ސައީދު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ ރިޔާސީ ބަޔާނުގައި ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގައި ކުރި މަސައްކަތަކަށް ރިއާޔަތް ނުކުރެއްވީ ކީއްވެގެންތޯ އޭ؟،" ސައީދު ވިދާޅުވި އެވެ.

"މި ވާހަކަތަކުން އެކަނިވެސް އަޅުގަނޑުމެންނަށް އެނގޭ ވަރަށް ދޯހަޅި. ތައްޔާރު ނުވެ ރިޔާސީ ބަޔާން ވެސް ދެއްވާފައި ވަނީ. އަދި މިއަދުގެ ވާހަކަފުޅުގައި ވެސް ތައްޔާރުނުވެ ވާހަކަފުޅު ދައްކަވާފައި ހުރިކަން."

އޭނާ އެހެން ވިދާޅުވި ނަމަވެސް، މިދިޔަ މަހުގެ ތިންވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ ވާހަކަ އާއި ޚަރަދު ކުޑަކުރުމާ ގުޅޭ ބައެއް ވާހަކަތައް ދެއްކެވި އެވެ. ރައީސް އޭރު ވެސް ވިދާޅުވީ، ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެ އަށް އެބައޮތް ކަމަށާއި އަދި އެއީ ރާއްޖޭގެ އިގުތިސޯދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ބެލުން ކުރިއަށް ދާ ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ ރިޔާސީ ބަޔާނުގައި ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގައި ކުރި މަސައްކަތަކަށް ރިއާޔަތް ނުކުރެއްވީ ކީއްވެގެންތޯ އޭ؟،" ސައީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 7.5 ޕަސެންޓްގައި ކަމަށް ވިޔަސް ރޯގާއާ ގުޅިގެން އަންނަ ލޮޅުމުގެ ސަބަބުން އެ މިންވަރު 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓާ ދެމެދަށް ވެއްޓޭނެ ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފަ އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އެހެންވެ މި އަަހަރަށް އާމްދަނީ ލިބޭނެ ކަަމަށް ކުރިން ލަފާކުރި ވަރަށް ވުރެ 2.1 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދަށްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި މަހުގެ ފުރަތަަމަ 10 ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރާ އަޅާބަަލާއިރު 22.8 ޕަސެންޓް ދަށަށް ގޮސްފައިވާ ކަަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މިހާތަނަށް 161،740 ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ރައީސްގެ ހިތާބަށް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އާންމުން އެންމެ ބޮޑަށް ބޭނުންވި ސުވާލަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޖަވާބެއް ނުދެއްވުނު ކަމަށެވެ.

"ޓޫރިޒަމް މިނިސްޓަރު[އަލީ ވަހީދު] ދެއްކެވި ވާހަކަ އާއި ހެލްތު މިނިސްޓަރު[އަބްދުﷲ އަމީން] ދެއްކެވި ވާހަކަ އާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކައާ ދިމައެއް ނުވޭ،" އަދުރޭ

އެއީ ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އިޓަލީ އަށް އެނބުރި ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ރާއްޖޭގައި އުޅުނު ދުވަސްވަރު ކަމާ ބެހޭ ފަރާތްތަކަށް އެ ކަންކަން އަންގާފައިވާއިރު، ފިޔަވަޅު ނޭޅި ވަނީ ކީއްވެގެންތޯ ކުރެވޭ ސުވާލު ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މި ބަލީގެ ކަންތައްތަކުގައި ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމް މިނިސްޓަރު[އަލީ ވަހީދު] ދެއްކެވި ވާހަކަ އާއި ހެލްތު މިނިސްޓަރު[އަބްދުﷲ އަމީން] ދެއްކެވި ވާހަކަ އާއި މިއަދު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކައާ ދިމައެއް ނުވޭ،" އަދުރޭ ވިދާޅުވި އެވެ.

އިޓަލީގެ މީހާ ފުރުވައިލުމުގައި ބަޔަކު އިހުމާލުތަކެއް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަށް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެހެންވެ، މިހާރު އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ފުލުހުން ފިޔަވައި ސަރުކާރުގެ އެހެން އިދާރާ އަކުން ނުދައްކަ އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާތީ ފުލުހުން ވެސް އަދި ތަފްސީލެއް ނުދެ އެވެ.

އިޓަލީ ދަތުރުވެރިޔާ މި މަހު 1 ގައި ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޮނުވާލީ، ރިސޯޓްގައި އޭނާ އަށް ފަރުވާދީގެން ގެންގުޅެފަ އެވެ. އޭނާ މާ ބޮޑަށް ހުން އައިސް ހުރުމުން މަތިންދާބޯޓުން ބޭލި އެވެ. އެހެންވެ، ފަހުން ފުރުވައޮލަން އޭނާގެ ރާއްޖޭގެ އެޖެންޓުން މާގިރި ހޮޓަލަށް ގެންދިޔަ އެވެ. އެ ހޮޓަލުގައި އުޅުމުގެ އިތުރުން ޔުނިވާސަލްގެ ޓިކެޓް އޮފީހަކަށް ގޮސް، އެމިރޭޓްސް އެއާލައިންގެ ޓިކެޓެއް އޭނާ ގަތެވެ.

އެ މީހާ މާގިރީގައި އުޅުނީ މި މަހުގެ 1، 2 ގަ އެވެ.