ކޮވިޑް-19: އެހީވުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް މިއަދު މާލެ އަތުވެއްޖެ އެވެ.


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންނާއި ޕެރެމެޑިކްސް އާއި އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ޓެކްނީޝަނުން ރާއްޖެ އައިސްފައިވާ ކަމަށެވެ. ރާއްޖޭގެ ޑޮކްޓަރުންނާ އެކު 14 މީހުންގެ އެ ޓީމު މަސައްކަތްކުރާނީ ރާއްޖޭގައި ކޮވިޑް-19 އޮތް ހާލަތު ރަނގަޅުކުރުމަށް ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވަނީ މި ހައްސާސް ދަނޑިވަޅުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޑޮކްޓަރުންގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ މުހިއްމު އެތައް ބޭހެއް އިންޑިޔާ އިން ރާއްޖެ އަށް ހަދިޔާކުރަން ނިންމާފައިވެ އެވެ.

އިންޑިއާ އިން މީގެ ކުރިން ވަނީ، ކޮވިޑް-19 ފެތުރޭތީ ބައެއް ބޭސްތައް އެކްސްޕޯޓުކުރުން ކޮންޓްރޯލްކޮށްފަ އެވެ. ދުނިޔޭގައި ވެސް އެންމެ ގިނައިން ޖެނެރިކް ބޭސްތައް ސަޕްލައިކުރާ އިންޑިއާ އިން ވަނީ 26 ބޭހެއް އެކްސްޕޯޓުކުރުން ލިމިޓް ކޮށްފަ އެވެ. އެގޮތުން، ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ ކަންކަމަށް ބޭނުންކުރާ އާންމު ބޭހެއް ކަމަށްވާ "ޕެރަސެޓަމޯލް" އެކްސްޕޯޓްކުރުން ވެސް ކޮންޓްރޯލްކުރި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މިފަދަ ބޭސްތައް އެކްސްޕޯޓުކުރުން ވަގުތީގޮތުން މެދުކަނޑާލާފައި ވިޔަސް ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ ސަބަބުން ރާއްޖެ އަށް ބޭސް ފޯރުކޮށްދޭން ނިންމީ ކަމަށެވެ.