މާފަންނު މެދު ދާއިރާ ޑިސްއިންފެކްޓް ކުރަނީ

މާފަންނު މެދު ދާއިރާ ހިމެނޭ ސަރަހައްދު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް، އެ ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ރޭ ފައްޓަވައިފި އެވެ.


އޭނާ ވިދާޅުވީ މަގުތައް ޑިސްއިންފެކްޓް ކުރަން ފެއްޓެވީ އަމިއްލަ ޒިންމާއެއްގެ ގޮތުގައި އެކަން ދެކިގެން ކަމަށެވެ. މަގުތަކަށް ކުޅުޖަހައި ހަޑިކޮށް ހުރުމަކީ ބަލިމަޑުކަން ފެތުރެމަށް ދިމާވާ އެއް ސަބަބުކަން ބޮންޑެ ފާހަގަކުރެއްވި އެވެ.

ރޭ ޑިސްއިންފެކްޓް ކުރީ ސަބުދެލި މަގާއި ޖަވާހިރު ހިނގުމުން މާވެޔޮ މަގާ ގުޅިފައިވާ ސަރަހައްދެވެ.

ބޮންޑެ ވިދާޅުވީ، ދިރިއުޅޭ ސަރަހައްދު މީގެ ކުރިން ސާފުކުރީ އެމީހަކު އަމިއްލަ އަށް ކަމަށެވެ. އެ އުސޫލުން، ގޭގެ ވެރި ފަރާތުން މިހާރު މަގުތައް ސާފުކޮށް ޑިސްއިންފެކްޓް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް، މުޅި މާލެ ޑިސްއިންފެކްޓް ކުރަން ފަސޭހައެއްނުވާނެ ކަމަށެވެ.

"ކޮންމެ ރެއަކު ވެސް މީހުން މަދުވީމަ ގާތްގަނޑަކަށް 10-11 ހާއިރަށް މަސައްކަތް ފަށާނަން. މިކަން ހަމަ ކުރިއަށް ގެންދާނަން،" ބޮންޑެ ވިދާޅުވި އެވެ.

މި ރެއިން ފެށިގެން، މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފުޅާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވަނީ 200 އަށް ވުރެ ގިނަ އާއިލާއަށް، ސައިބޯނި ފުޅި ވެސް ރޭ ހަދިޔާކުރައްވައިފަ އެވެ. އަދި ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ޑިޓޯލް ވެސް ހަދިޔާކުރެއްވި އެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ސާފުތާހިރު ކަމަށެވެ. ހާއްސަކޮށް، ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ފަދަ އެއްޗަކުން އަތް ސާފުކުރުން ވަރަށް މުހިންމެވެ.