މުވައްޒަފުންނަށް ރިސޯޓަށް ދެވޭނެ، ޓޫރިސްޓުން ފުރުވަން ހުރަހެއް ނެތް: އެޗްޕީއޭ

ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުތައްކުރުން މަނާ ކުރިޔަސް، ރަށްރަށުގައި ތިބިި ރިސޯޓްތަކުގެ މުވައްޒަފުންނަށް ރިސޯޓަށް އަނބުރާ ދެވޭނެ ކަމަށާއި އަދި ޓޫރިސްޓުން ފުރުވުމަށްޓަކައި އެއާޕޯޓަށް ގެންދިއުމުގައި ހުރަހެއް ނޯންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.


ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރިސޯޓްތަކުން ރަށްރަށަށް ދަތުރު ކުރުން މިއަދު ވަނީ 14 ދުވަހުގެ މުއްދަތަށް މަނާކޮށްފަ އެވެ.

މިކަން ތަފްސީލްކޮށްދީ އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ރިސޯޓްތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރަން ރިސޯޓަށް ދިއުން ހުއްދަ ނަމަވެސް ދިއުމަށް ފަހު، މިހާރު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެނބުރި ނާދެވޭނެ ކަމަށެވެ. އަދި ޓޫރިސްޓުން ފުރުވުމަށްޓަކައި އެއާޕޯޓަށް ދާ މުވައްޒަފުން ވެސް އަނބުރާ ރިސޯޓަށް ދާ ގޮތަށް ދެވޭނެ ކަމަށާއި އެގޮތަށް ދަތުރުކުރާ މުވައްޒަފުންގެ މައުލޫމާތު ރިސޯޓްތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ރިސޯޓްތަކަށް މުދާ އުފުލާ ފަރާތްތަކަށް ވެސް ރިސޯޓްތަކުގެ ޖެޓީއާ ހަމައަށް ދިއުމުގެ ހުއްދަ އޮންނާނެ އެވެ. އެކަމަކު ރިސޯޓަށް އެތެރެވެއްޖެ ނަމަ، ރިސޯޓުން ނުފޭބޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މުވައްޒަފުންނާއި ޓޫރިސްޓުން ވެސް އެ މުއްދަތުގައި ނުދެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޗްޕީއޭގެ ޓްވީޓް

ރިސޯޓްތަކުން ފޭބުން މަނާ ކުރިއިރު، ކޮލެޖްތަކާއި ޔުނިވާސިޓީތައް ވެސް މިއަދުން ފެށިގެން 14 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގެ ހޮޓާތަކާއި ގެެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން ވެސް މިރޭ 12 އިން ފެށިގެން ވަނީ މަނާކޮޮށްފަ އެވެ. އެކަމަކު ބުކިން ހައްދާފައި ތިބި ފަތުރުވެރިންނަށް ބުކިންގެ މުއްދަތު ހަމަ ވަންދެން ތިބެވޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަސް ހުރި 10 މީހަކު ރާއްޖެއިން ފެނިފައިވާއިރު، ބައެއް ރިސޯޓްތަކުން އެ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން ފެނިފައިވާތީ އެ ރިސޯޓްތައް މިހާރު ވެސް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.