ގްރޭޑު 10ގެ ދަރިވަރުންނަށް "ޓެލިކިލާސް" ފަށައިފި

ގްރޭޑު 10ގެ ދަރިވަރުންގެ ފިލާވަޅުތައް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޔެސް ޗެނަލުން މިއަދު ދައްކަން ފަށައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ހުޅުވުން އެއް ހަފުތާއަށް ބަންދުކޮށް، ޔެސް ޗެނަލާއި ޔޫޓިއުބު މެދުވެރިކޮށް ދަރިވަރުންނަށް އަންނަނީ ފިލާވަޅުތައް ނަގައިދެމުންނެވެ. އެގޮތުން ހެނދުނު "ޓެލިކިލާސް" ގެ ނަމުގައި ފެށި ޕްރޮގްރާމުގައި އިސްލާމާއި އިނގިރޭސި އާއި ހިސާބާއި ކޮމްޕިއުޓާ ސައިންސް އަދި ދިވެހީގެ ފިލާވަޅުތައް ނަގައިދީފައި ވެ އެވެ.

ޔެސް ޓީވީގެ ފޭސްބުކް ޕޭޖުން ވެސް އެ ފިލާވަޅުތައް ދައްކަ އެވެ.

އެ ކޮންމެ މާއްދާއަކަށް ކަނޑައަޅާފައިވަނީ 30 މިނެޓެވެ.

އެ ކޮންމެ މާއްދާއަކުން ވެސް ވަކި މައުޟޫއަކަށް 10:30 އާ ހަމައަށް ފިލާވަޅުތައް ނަގައިދިނުމަށްފަހު 10:30-12:00 އަށް ޔެސް ޓީވިން ދައްކާނީ، އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާއިން މީގެ ކުރިން ނަގައިދިން ފިލާވަޅުގެ ރިޕީޓެވެ.

ބްރޭކަކަށްފަހު 1:00-2:00 އަށް އިސްލާމް މާއްދާގެ ފޯރަމެއް ކުރިއަށްދާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ ޕީއެސްއެމްގެ ޗެނަލާއި ޔޫޓިއުޓްގެ އިތުރުން ޓީޗަރުންނާއި ދަރިވަރުން ގުޅިގެން ކުރިއަށް ގެންދާ ސެޝަންތަކަށް އެޑިއުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް ބޭނުން ކުރެވޭނެ ކަމަށެވެ. އެކަމަކު މިހާރު ޔެސް ޓީވިން ދައްކާ ފިލާވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިއަހަރު ފައިނަލް އިމްތިހާނު ހަދާ ދަރިވަރުންނަށެވެ.

ރާއްޖެއިން ވެސް ކޮވިޑް-19 ބަލީގެ 11 މީހަކު ފެނި، އަދި ދުނިޔޭގައި ވެސް ހާލަތު ގޯސްވުމާ ގުޅިގެން އެތައް ބައެއްގެ ފިއްތުންތަކާއި ފާޑުކިޔުންތަކުގެ ތެރެއިން، ފުރަތަމަ ޓާމްގެ މިޑް-ޓާމް ބްރޭކަށް ފަހު، ސްކޫލްތައް ހުޅުވުން އެއް ހަފުތާ އަށް ފަސްކުރީ އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ހަފުތާއެއްގެ ޗުއްޓީ އަކަށް ފަހު މިއަދު ކިޔެވުން ފަށާނެ އެވެ.

މިހާރު ހަމަޖައްސާފައިވާ ގޮތުން ސްކޫލުތައް ދެން ހުޅުވޭނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހެވެ.