ކޮވިޑް-19: އީސީގެ 55 އަހަރުވީ މުވައްޒަފުންނަށް ޗުއްޓީއެއް

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މަސައްކަތް ކުރާ 55 އަހަރުން މަތީގެ މުވައްޒަފުންނާއި ބައެއް ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ކޮވިޑް-19 އާ ގުޅިގެން 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.


އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އެގޮތަށް ނިންމީ ކޮވިޑް-19 ގެ ސަބަބުން ބޮޑުވަރު ވެދާނެ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އުމުރުން 55 އަހަރުވީ މީހުންގެ އިތުރުން ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ޗުއްޓީ ދިނުމަށް ވަނީ ނިންމައިފަ އެވެ.

"ޑޮކްޓަރުން ދީފައިވާ ލިޔުންތައް ހުށަހެޅުމުން ޗުއްޓީގެ ކަންކަން ހަމަ ޖެހިގެން ދާނެ،" އަކްރަމް ވިދާޅުވި އެވެ.

ވަކި ބަޔަކަށް ޗުއްޓީ ދިނުމުގެ އިތުރުން އެ ކޮމިޝަންގެ ރަސްމީ މަސައްކަތު ގަޑި ވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިހާރު ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 8 އިން މެންދުރުފަހު 2 އަކަށެވެ.

އަކްރަމް ވިދާޅުވީ އެ ކޮމިޝަންގެ ހަރަދުތައް ވެސް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ރަސްމީ ދަތުރުތައް ހުއްޓާލުމަށާއި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ނޫނީ އިތުރު ގަޑީގައި ނުކުރަން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް 13 މީހަކު މިހާރު ރާއްޖޭން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ޓޫރިސްޓުންނާއި ބިދޭސީންނެވެ.