ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދައުވާ ކުރާނަން: ޕީޖީ

ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.


އިސްލާމް ދީނަށް ފުރައްސާރަ ކުރި ކަމުގެ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ކުރި ގދ. ތިނަދޫ ރުސްތުމް މުޖުތަބާ ކޯޓުން ދޫކޮށްލުމާ އެކު ދީނަށް ފުރައްސާރަކުރަން ފެށުމުން އޭނާ އިއްޔެ ވަނީ އަނެއްކާ ވެސް ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން ޝަމީމް ވިދާޅުވީ ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމަށާއި ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.

ޝަމީމް މިއަދު ކުރި ޓްވީޓެއް

"ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން. ދީނަށް ފުރައްސާރަވާ ގޮތަށް ކަންކުރާ މީހުންގެ މައްޗަށް ދަޢުވާކުރާނެ. ކުރިން ވެސް ވަނީ ކޮށްފައި. ދެން ވެސް ކުރާނެ. ކަމުގެ ހަގީގަތް ނުބަލައި، އެކަމުގެ ވަށައިގެން ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެއް،" ރުސްތުމް ދޫކޮށްލުމާ އެކު އާންމުން ކީ ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި ޝަމީމު ވިދާޅުވި އެވެ.

ރުސްތުމް އިއްޔެ ހައްޔަރުކުރީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ. ދީނަށް ފުރައްސާރަ ކުރި ކަމުގެ މައްސަލައެެއްގައި މިދިޔަ އަހަރު ވެސް ރުސްތުމް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލަ ކޯޓާ ހަމައަށް ދިޔަ ނަމަވެސް، އޭނާ ސަލާމާތްވީ ގާނޫނީ ސަބަބުތަކެއް މެދުވެރިވުމުންނެވެ.