ކޮވިޑް-19: ފިލިޕީންސްގައި އުޅޭ ދިވެހިން ރަޖިސްްޓްރީ ވާން އެދެފި

ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ފިލިޕީންސްގައި އުޅޭ ދިވެހިން ރަޖިސްޓްރީ ވާން ފޮރިން މިނިސްޓްރީން މިއަދު އެދެފި އެވެ.


އެ ގައުމުގައި އުޅޭ ދިވެހިން ރަޖިސްޓްރީ ވާން ޖެހެނީ ބަންދްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގަ އެވެ. އެތަނުގެ ހޮޓްލައިން 8801708140036+ މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއް

ރާއްޖެ އަށް ކަނޑައަޅާފައިވާ އޮނޮރަރީ ކޮންސުލް ގައުޑެންސިއޯ ސަންޓިލަން ހާނަންޑެޒް ޖޫނިއާ އާ ގުޅައިގެން ވެސް ރަޖިސްޓްރީ ވެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އޭނާ އަށް ގުޅޭނީ 639175297253+ އިން ކަމަށް އެތަނުން ބުންޏެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮޮތުން އެކި ގައުމުތަކުން އަންނަނީ ސަލާމަތީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރެއިން އޮން-އަރައިވަލް ވިސާ ދޫކުރުން ގިނަ ގައުމުތަކުން ވަނީ މި ދުވަސްވަރު މެދުކަނޑާލައިފަ އެވެ.

މުޅި ދުނިޔެއަށް ފެތުރެމުން އަންނަ މި ބަލިމަޑުކަން ރާއްޖެއިން ފެނިފައި ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 13 މީހުންނަކީ ޓޫރިސްޓުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ. މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.