ކޮވިޑް 19: ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ދެ މީހަކު އެޑްމިޓް

ކޮވިޑަށް ޕޮޒިޓިވް ދެ މީހެއްގެ އިތުރުން މި ބައްޔަށް ޝައްކު ކުރެވޭ ދެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ކޮވިޑް ޓާސްކްފޯހުން ދެންމެ ބުނެފި އެވެ.


ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވީ ރޭގެ ވަގުތެއްގައި ދެމަފިރިއަކު ދަރުމަވަންތަ އަށް ގެންގޮސް ޓެސްޓްކޮށްފައިވާ ކަމަށެވެ.

"ރޭ އައި ދެމަފިރިންގެ ފުރަތަމަ ޓެސްޓުން ދެއްކީ ނެގެޓިވްކޮށް. އެހެންވެ ދެވަނަ ޓެސްޓެއް މިހާރު އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

"އެ ދެމަފިރިން ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި."

ދަރުމަވަންތަ ހޮސްޕިޓަލުގައި އެންމެ ފުރަތަަމަ އެޑްމިޓްކުރި މީހާގެ ހާލު ވަރަށް ބޮޑަށް ގޯސްވުމަށް ފަހު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓްވް ވެގެން، ދަރުމަވަންތަ ހޮސްޕިޓަލްގައި އެންމެ ފުރަތަމަ އެޑްމިޓް ކުރީ ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި ދެމަފިރި އެކެވެ. އެތަނުން ހާލު ބޮޑުވީ އުމުރުން 70 އަހަރުގެ ފިރިހެންމީހާ އެވެ. ނަމަވެސް އެ މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ޑރ. މޫސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް އެ މީހުންގެ ހާލު ބަލަމުން ގެންދަން. ހާލު ބޮޑުވީ އެންމެ މީހެއް. އެއީ 70 އަހަރުގެ ފިރިހެނެއް. ރާއްޖެ އައީ މި މަހުގެ 3 ގައި. ރާއްޖޭގައި ހުއްޓާ ކޮވިޑްގެ އަލާމާތްތައް ފެނުނީ ވެސް. އޭނާ ކޮވިޑަށް ޕޮޒިޓިވް ވީ މި މަހުގެ 8 ވަނަ ދުވަހު،" ޑޮކްޓަރު ވިދާޅުވި އެވެ.

"އެހެންވެ އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސް އައިސޮލޭޓް ކުރި ފަހުން އަޅުގަނޑުމެން ގޮސް ބެލިބެލުމުން އޭނާގެ ފުއްޕާމެ އަށް ވަނީ ވަރަށް ބޮޑަށް ނިއުމޯނިއާގެ އަސަރު ކޮށްފައި."

ޑރ. މޫސާ ވިދާޅުވީ އެ ސަބަބާ ހެދި އެ ފިރިހެންމީހާ ދަރުމަވަންތަ ހޮސްޕިޓަލުގައި، މިކަމަށް ހާއްސަ ކޮށްފައިވާ އައިސީޔޫ އަށް ގެންދިޔަ ކަމަށެވެ. އަދި ފުރަތަމަ ދެ ދުވަހު އެ މީހާގެ ހާލު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ކަމަށް ޑރ. މޫސާ ވިދާޅުވި އެވެ.

"އޮކްސިޖަން މިންވަރު ވެސް ދޭން ޖެހޭ ވަރަށް ވުރެ ވެސް އިތުރަށް ދޭން ޖެހުނު. އެކަމަކު ބަލި މީހާގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން. ވަރަށް ބޮޑަށް ރަނގަޅު މިހާރު،" އޭނާ ވިދާޅުވި އެވެ.

އެ ޓޫރިސްޓް މީހާގެ އަންހެނުން ވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ އެޑްމިޓް ކޮށްފަ އެވެ. އަންހެންމީހާ ގެންދިޔައީ އޭނާގެ ފިރިމީހާގެ ހާލު ބޮޑުވެފައި ވާތީ ކަމަށް ޑރ. މޫސާ ވިދާޅުވި އެވެ. އެކަމަކު އެ އަންހެންމީހާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.