ޓީވީ އާއި އިންޓަނެޓް ނުލިބޭ ކުދިން ހޯދަނީ

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ސްކޫލުތަކާއި ޔުނިވާސިޓީތައް ވަކި މުއްދަތަކަށް ބަންދުކޮށް އޮންލައިން އަދި ބްރޯޑްކާސްޓަރުން މެދުވެރިކޮށް ކިޔަވައިދޭން ފަށާފައިވާތީ، ޓީވީ އާއި އިންޓަނެޓުގެ ޚިދުމަތް ލިބެން ނެތް ކުދިން ދެނެގަތުމުގެ މަސައްކަތް އެޑިއުކޭޝަނުން ފަށައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް އެއް ހަފްތާގެ މުއްދަތަކަށް ބަންދުކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހާލަތު އޮންނަ ގޮތަކަށް ބަލާފައި ސްކޫލްތައް ނުހުޅުވި އިތުރަށް ލަސްވެދާނެ ހާލަތަކަށް އެޑިއުކޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

އަދި ކިިިޔެވުން މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމަށް އޮންލައިންކޮށް ކިޔަވައިދޭން އިއްޔެއިން ފެށިގެން ފަށާފައިވާއިރު މިކަމާ ގުޅުގެން އާންމުންގެ ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ބައެއް ރަށްރަށުގައި އިންޓަނެޓުގެ ޚިދުމަތް ދަތިވުމާއި ހުރިހާ ގެއަކީ ކިޔެވޭނެ މާހައުލެއްގައި ޓީވީ ބެލޭނޭ ފަދަ ގެއަކަށް ނުވާނެ ކަމުގެ ގިނަ ޝަކުވާތަކެއް ފެންމަތިވެގެން ދިޔަ އެވެ.

ކޮވިޑް-19އާ ގުޅިގެން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ މަބްރޫކް އަޒީޒް ވަނީ މި ހުރިހާ މައްސަލަތަކަކަށް އެޑިއުކޭޝަނުން ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މަބްރޫކް ވިދާޅުވީ މި ޝަކުވާތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިންޓަނެޓާއި ޓީވީ ނެތުން ފަދަ ދަތިތައް ކުރިމަތިވެފައިވާ ކުދިން ދެނެގަތުމަށް ހުރިހާ ސްކޫލްތަކަށް މިނިސްޓްރީން އަންގާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އަދި އެކަންކަމަށް ކޮންމެވެސް ކަހަލަ އިންތިޒާމުތަކެއް ރާވާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށް ވެސް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

އެޑިއުކޭޝަނުން ބުނީ ޓީވީގެ އިތުރުން ރޭޑިއޯ މެދުވެރިކޮށް ވެސް ފިލާވަޅުތައް ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިންކޮށް ކްލާސްތައް ގެނެސްދިނުމާ ގުޅޭގޮތުން ދިރާގާއި އުރީދޫއާ މަޝްވަރާ ވެސް ކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

އޮންލައިން ޕްލެޓްފޯމްތަކާއި ޓީވީ މެދުުވެރިކޮށް ކިޔަވައިދޭން ފަށާފައި ވަނީ އިއްޔެ އެވެ. އެގޮތުން ޔެސް ޓީވީ މެދުވެރިކޮށް ގްރޭޑް 10ގެ ދަރިވަރުންނަށް ޓެލެކިލާސް ނަގައިދޭން ފަށާފައިވާއިރު، މާދަމާ އިން ފެށިގެން އޭއެސް ލެވަލް ދަރިވަރުންނަށް ވީޓީވީ މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.