ކައްޕިން ބުނަނީ ދުވަހަކު ވެސް މިހާ ގިނައިން ކާޑު އުފުލަން ނުޖެހޭ ކަމަށް

ކޮވިޑް-19 ފެތުރެން ފެށުމާ އެކު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ހާސްކަމާއި ދަތިކަމުގެ ތެރޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލަ އަކީ ބައެއް މީހުން ކާނާގެ ބާވަތްތައް މާގިނައިން ގަނެ ގުދަންކުރުމެވެ. މުދާ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ސަރުކާރާއި ވިޔަފާރިވެރިން ދެމުން ދިޔަ ނަމަވެސް މިކަން ގަބޫލުނުކުރާ މީހުން ބައިވަރެވެ.


ނ. އަތޮޅާއި ށ. އަތޮޅަށް މުދަލާއި މީހުން އުފުލާ އަމާޒު ދޯނީގެ ވެރިޔާ މުހައްމަދު ސަލީމު ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު ކާޑުގެ ބާވަތްތައް ރަށްރަށަށް ގެންދާ މިންވަރު 100 ޕަސެންޓަށް ވުރެ ވެސް އިތުރުވެއްޖެ އެވެ. އޭނާ ބުނީ ނާލުބޯޓު ފަހަރުގައި މަސައްކަތްކުރާތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިއީ މިގޮތަށް އެހާ ގިނައިން ކާޑުގެ ބާވަތްތައް މީހުން ގަންނަ ފަހަރު ކަމަށެވެ.

"ކޮވިޑް-19 އަށް ރާއްޖޭން މީހަކު ޕޮޒިޓިވްވި ފަހުން މިކުރި ދަތުރުގައި 200 ބަސްތާ ކާޑު ގެންދިޔައިން. ކުރީގައި ދަތުރަކު ގެންދަނީ 80 ބަސްތާ،" ސަލީމް ބުންޏެވެ.

އެ ބޯޓުން ނ. ހޮޅުދޫ އާއި ށ. ފުނަދޫ އަދި ނަރުދޫ އާއި ފީވަކަށް ހަފުތާއަކު ދަތުރެއް ކުރާއިރު ކާޑުގެ ބާވަތްތައް އުފުލަން ޖެހޭ ވަރު ދަތުރަކަށް ފަހު ދަތުރެއް ދަނީ އިތުރުވަމުންނެވެ. ސަލީމް ބުނި ގޮތުގައި ހަނޑޫ، ހަކުރު، ފުށް ފިޔަވައި އެހެން ތަކެތި ގެންދިއުން އިތުރެއް ނުވެ އެވެ.

"ވަރަށް ދުވަސް ވެއްޖެ މި ކަމުގައި އުޅޭތާ. ހަޔާތުގައި ވެސް މިވަރުގެ ކަމެއް ނުދެކެން،" އުމުރުން 15 އަހަރުން ފެށިގެން އެ މަސައްކަތުގައި އުޅޭ ސަލީމް ބުންޏެވެ.

މާލޭ ބަނދަރުގައި އޮތް ބޯޓަކަށް މިއަދު މުދާ އަރުވަނީ: އަތޮޅުތެރެއަށް ކާޑުގެ ބާވަތްތައް ގެންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. --ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހއ. އިހަވަންދު އާއި ހއ. މާރަންދު އާއި ހދ. ވައިކަރަދޫ އަށް ދަތުރުކުރާ "ޓޫ ފޯ ޓޫ" ގެ ކެޕްޓަން އަހުމަދު ވަހީދު ވެސް ބުނި ގޮތުގައި އެ ބޯޓުން ވެސް މިހާރު ގިނައިން އުފުލަން ޖެހެނީ ކާޑުގެ ބާވަތްތަކެވެ. ކުރިން ދަތުރަކު އެ ތިން ރަށަށް 300 ބަސް އުފުލި ނަމަވެސް މިހާރު 800 އަށް އެ އަދަދު އިތުރުވެފައިވާ ކަމަށް ވަހީދު ބުންޏެވެ.

ވަހީދު ބުނި ގޮތުގައި ކާޑުގެ ބާވަތްތައް އަތޮޅުތެރެއަށް ގެންދިއުން އިތުރުވެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ލިބުން ދަތިވެދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރާތީ ކަމަށެވެ.

"ގޭގެއަށް ގަންނަނީ ބަސްތާއިން. ހަނޑުލާއި ހަކުރު ގިނަ ދުވަހު ބެހެއްޓޭތީ ހާއްސަކޮށް އެ ގަނޭ. އެހެންވެ ތިން ބަސްތާ ވަރު ގަނެފައި ބަހައްޓަނީ،" ވަހީދު ބުންޏެވެ.

ރ. އިނގުރައިދޫ އާއި ބ. ކަމަދޫ އަދި ކުޑަރިކިލަށް ދަތުރުކުރާ ބޯޓަކުން ވާހަކަ ދެއްކި މުހައްމަދު ޝަރީފް ވެސް ބުނިގޮތުގައި އިތުރުވެފައިވަނީ ކާޑުގެ ބާވަތްތަކެވެ. އެ ބޯޓުން މީގެ ކުރިން ދަތުރަކު 150 ބަސްތާ ކާޑު ގެންދަން ޖެހޭއިރު މިހާރު ދެ ގުނަ އިތުރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެހެން އެއްޗެހި ގެންދާލެއް މަދު ވަނީ. ހަމައެކަނި ކާޑު އިތުރުވީ،" ޒުވާން ކެޕްޓަން ޝަރީފް ބުންޏެވެ. އޭނާ ވެސް ބުނި ގޮތުގައި އޭނާ ދުއްވާ ބޯޓް ދާ ރަށްތަކުގެ ބައެއް މީހުންގެ ހިތްތަކުގައި ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަތޮޅުތެރެއަށް ގެންދިއުމަށް މިއަދު ބޯޓަށް މުދާ އަރުވަނީ: މިހާރު ގިނައިން ގެންދަނީ ކާޑުގެ ބާވަތްތައް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކާޑު ހުހެއް ނުވާނެ، ސްޓޮކް އެބަހުރި: އެސްޓީއޯ

ކޮވިޑް-19 އަށް ރާއްޖޭން ބަޔަކު ޕޮޒިޓިވް ވުމާ އެކު ކޯބޯތަކެތި ހުސްވެދާނެ ކަމުގެ ބިރުވެރިކަން ބައެއް މީހުންގެ ތެރޭގައި އުފެދުނެވެ. އެހެންވެ ކާޑުގެ ބާވަތްތައް ގަނެ ގޭގައި ގުދަންކުރަން ފެށި އެވެ. ސަރުކާރުން ވަނީ އެގޮތަށް އަމަލު ނުކުރުމަށް އަންގައިފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް އެބަހުރި ކަމަށެވެ. އަދި އާންމުކޮށް ހުސްނުވެ، ބަރާބަރަށް ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަމްރު ދެއްވި އެވެ.

"މި ވަގުތަކީ ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންޖެހޭ ވަގުތެއް ވެސް ނޫން. ހަމަ އާންމުކޮށް، ކައިބޮއެ އުޅުނީމާ އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުންނަށް އެ ކަން ރަނގަޅަށް ކުރެވިދާނެހެން،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތިން މަސް ނުވަތަ ހަތަރު މަހަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގޭގެއަށް ވެއްދުމަކީ ހައްލެއް ނޫނެވެ.