މީހުން މެރުމާއި ނުރައްކާތެރި މާރާމާރީތަކުގައި ދައުވާކުރަން ޖެހޭ މުއްދަތު ބަލާނެ ގޮތް ހައި ކޯޓުން ކަނޑައަޅައިފި

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މީހުން މެރުމާއި ނުރައްކާތެރި މާރާމާރީގެ މައްސަލަތަކުގައި އެންމެ ލަސްވެގެން ދައުވާ ކުރަންޖެހޭ މުއްދަތު ކަނޑައެޅުމުގައި ބަލަންޖެހޭ ގޮތް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.


ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މީހުން މެރުމާއި މާރާމާރީގެ މައްސަލަތަކުގައި ހައްޔަރު ކުރާ ދުވަހުން ފެށިގެން އެންމެ ލަސްވެގެން 15 ދުވަސް ތެރޭގައި ދައުވާ އުފުލަން ޖެހޭނެ އެވެ. އެކަމަކު އިންސާފު ގާއިމް ކުރުމަށާއި މުޖްތަމައުގެ އަމާންކަމަށްޓަކައި އެ މުއްދަތު ކޮންމެހެން އިތުރު ކުރަން ޖެހިިއްޖެ ނަމަ، އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގައި އެކަން ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.

ހައި ކޯޓުން އެގޮތަށް ކަނޑައެޅީ ޓާމިނަލް ކެފޭ ތެރޭގައި ޖުލައި، 2017 ގައި ތޫނު އެއްޗެހިިން ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ކުޑަކުއްޖަކަށް ދައުވާކުރި މައްސަލައެއް އެ ކޯޓުން ނުބެލޭނެ ނޮވެމްބަރު، 2018 ގައި ކަމަށް ނިންމުމުންނެވެ. އެ މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން ނިންމީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކުރާ 15 ދުވަހުގެ މުއްދަތުގައި ދައުވާ އުފުލާފައި ނުވާތީ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ 15 ދުވަސް ތެރޭގައި ދައުވާ ނުއުފުލޭ ހާލަތުގައި އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގައި އެކަން ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައި އޮތަސް، އެކަށީގެންވާ ކުރު މުއްދަތަކީ ކޮބައިކަން އެ ގާނޫނުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އެފަދަ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލުމުގެ މުއްދަތު އިތުރު ކުރެވޭނީ އެންމެ ގިނަވެގެން 30 ދުވަހަށް ކަމަށް ބަޔާން ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، އެ ހުކުމުގައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެންމެ ލަސްވެގެން ދައުވާ އުފުލަންޖެހޭ މުއްދަތަކީ ކޮބައިކަން ބެލުމުގައި ބަލަން ޖެހޭނީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ދައުވާ ކުރުމުގެ މުއްދަތު އެންމެ ގިނަވެގެން އިތުރު ކުރެވޭނީ 30 ދުވަހަށް ކަމަށް އޮންނަ މާއްދާ އަށް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

"އެކަށީގެންވާ ކުރު މުއްދަތު ގުނުމުގައި ގައިޑްލައިނެއްގެ ގޮތުގައި ބަލަން ޖެހޭނީ އާންމުކޮށް އަމަލުކުރާ ޖިނާއީ އިޖްރާއާތަށް ކަމުން މި ހާލަތުގައި އެކަށީގެންވާ ކުރު މުއްދަތު ގުނުމުގައި ބަލާނީ ގާނޫނު ނަމްބަރު 12/2016 ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ ރ. އަށް" އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވާ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަކީ މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުން ހުއްޓުވުމަށް ހެދިފައިވާ ގާނޫނެއް ކަމަށް ވާއިރު އަދި އެ މައްސަލައަކީ މަރުގެ މައްސަލައެއް ކަމަށްވާތީ އެފަދަ މައްސަލަތަކުގެ ތަހުގީގުގައި ހެކި ހޯދަން ދިގު މުއްދަތެއް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ، އެފަދަ މައްސަލަތަކުގައި ބަލަން ޖެހޭނީ ހަމައެކަނިި ތުހުމަތު ކުރެވޭ މީހާގެ ހައްގުތަކަށް އެކަނި ނޫން ކަމަށާއި މަރުވި މީހާގެ ހައްގުތަކަށް ވެސް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ތަހުގީގު ނިންމުމުގެ މުއްދަތު ދެ ފަހަރަށް އިތުރު ކޮށްފައިވާ ކަމަށާއި އެކަމަކު 30 ދުވަހުގެ މުއްދަތު ހަމަ ނުވަނީސް އެ މައްސަލާގައި ދައުވާ ކޮށްފައިވާތީ އެ މައްސަލަ ޖުވެނައިލް ކޯޓަށް ބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލަ ޖުވެނައިލް ކޯޓުން ނުބެލޭނެ ކަމަށް ނިންމުމާ އެކު، ދައުވާ ލިބުނު މީހާ ބަންދުން ދޫކޮޮށްލާފައި ވިޔަސް، ޝަރީއަތް ނިމެންދެން އޭނާ ހުންނަން ޖެހޭނީ ބަންދު ކޮށްފައި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ، ޖުވެނައިލް ކޯޓުން ބަލަން ޖެހޭނެ ކަމަށާއި އަދި ދައުވާލިބޭ މީހާ ބަންދުގައި ބަހައްޓަން ދައުލަތުން ދަށު ކޯޓުގައި އެދިއްޖެ ނަމަ، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.