ކޮވިޑް-19: މަތިވެރިން ޝައްކު ކުރެވުނީ ޓޫރިސްޓް ދެ ކުދިންނަށް

ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް އއ. މަތިވެރިން ޝައްކު ކުރެވުނީ ޓޫރިސްޓް ކުޑަ ދެ ކުދިން ކަމަށް "މިހާރަ"ށް އެނގިއްޖެ އެވެ.


ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވީ ބަލީގެ އަލާމާތްތަކެއް ފެނުނު ދެ ޓޫރިސްޓަކު މަތިވެރިން ފެނުމުން، ރަށް ބަންދުކޮށް މޮނީޓާ ކުރަން ފަށާފައިވާ ކަމަށެވެ. މި ހާލަތުގައި އެ ރަށަށް އަރާ ފޭބުމަކީ މަނާ ކަމެކެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ބަލީގެ އަލާމާތްތައް ފެނުނީ މީގެ 12 ދުވަސް ކުރިން އެ ރަށު ގެސްޓް ހައުސްއަކަށް ދިޔަ ދެ ކުޑަކުދިންގެ ފަރާތުންނެވެ. އެ ކުދިން މިހާރު ތިބީ، ގެސްޓްހައުސްގައި އެކަހެރިކޮށްފަ އެވެ.

މަތިވެރި އަށް ޓޫރިސްޓުން ދަނީ، އެ އަތޮޅުގެ ހަތަރު ރަށަކަށް މީހުން އުފުލާ ލޯންޗެއްގަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރަށްރަށަށް ޓޫރިސްޓުން ގެންދާއިރު، އެ މީހުންނާ އެކު އާއްމުން ދަތުރުކުރުން ސަރުކާރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ރާއްޖެ އަންނަ ބައެއް ޓޫރިސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އާއްމުން ދަތުރު ކުރާ ފެރީތަކުގައި ޓޫރިސްޓުން އުފުލާތީ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ ރަށްރަށަށް އެ ރޯގާ ފޯރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.

މަތިވެރީގެ އިތުރުން، ގިލި ލަންކަންފުށީގައި މަސައްކަތް ކުރާ ދިވެއްސެއްގެ ގައިން ވެސް ރޯގާގެ އަލާމާތްތައް ފެނުމުން އެ ރަށް ވެސް ވަނީ މޮނިޓާރިން ހާލަތަށް ގެނެސްފަ އެވެ. އެއީ ދާދި ފަހުން މެލޭޝިއާ އިން އައި މީހެކެވެ.