ބްރިޖުގެ ދެބައި ކުޅަ އެއްބައި ހޮޅި ޖަހައި ނިންމައިފި

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ ފައުންޑޭޝަން ޕައިލްގެ ދެބައިކުޅަ އެއްބައި ޕައިލް ކޮށް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ބްރިޖުގެ ޖުމްލަ ހަތް ތަނބުގައި ހުންނަ 35 ހޮޅީގެ ތެރެއިން 17 ހޮޅި ޖަހާފައިވާ ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ޗައިނާގެ ސީސީސީސީ ކުންފުނިން ކުރަނީ އެއްވެސް މައްސަލައެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ. ބްރިޖުގެ ބައެއް މަސައްކަތްތައް ކުރިއަށް ދަނީ ޝެޑިއުލަށްވުރެ އަވަހަށް ކަމަށް އޭނާ މިއަދު ވެސް ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"މަޑު ޖެހުމެއް ނައިސް ޝެޑިއުލާ އެއްގޮތަށް ދަނީ، ބައެއް ޓާސްކްތައް ޝެޑިއުލަށް ވުރެ ބާރަށް ކުރިއަށް ދޭ،" ބްރިޖުގެ މަސައްކަތް މަޑުޖެހިފައި އޮތް ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބާކީ ހުރި ހޮޅިތައް ޖެހުމުގެ ކޮންމެ ދުވަހަކުހެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖު އަޅާ ޗައިނާގެ ސީސީސީސީ ކުންފުނިން ވަނީ ހުޅުލޭ ކޮޅުން ބްރިޖުގެ މައި ތަނބުގެ ހަތް ހޮޅި ކަނޑު އަޑިއަށް ފައްތައިފަ އެވެ. އޭގެ ތެރެއިން ތިން ހޮޅިއަކަށް ވަނީ ކޮންކްރީޓް ވެސް އަޅައިފަ އެވެ. އެކަމަކު ފެނުން މަތީގައި ތަނބުތައް ހުއްޓާ ފެންނަވަރެއް އަދި ނުވެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ތަނބުތަކަށް ބޭނުންވާ ހުރިހާ ހޮޅިއެއް ޖަހައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ބްރިޖްގެ ހޮޅިއެއް ކަނޑު އަޑި އަށް ފައްތަން ތައްޔާރުކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެ އާއި ހުޅެލެއާ ދެމެދު އޮންނަ ކަނޑަކީ އޮއިވަރު ގަދަ ހިސާބެއް ކަމަށްވާތީ އަޑިއަށް ހޮޅިއެއް ދާއިރު، އޮއި ހުންނަ ގޮތުން އެ ހޮޅި ބެލެންސް ކުރުން ފަދަ ކަންކަމަކީ ވަރަށް އުނދަގޫ މަސައްކަތެކެވެ. އެ މަސައްކަތް ނިމުމުން މިހާރަށް ވުރެ މަސައްކަތުގެ ސްޕީޑް އަވަސްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ވެރިން ވިދާޅުވެ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން އެ އަހަރުގެ ޖުލައި 26 އަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.