ދާއިމީކޮށް ބޭސް ބޭނުންވާ މީހުން ޑޮކްޓަރަށް ނުދެއްކިޔަސް ބޭސް ލިބޭނެ ގޮތް ހަމަޖައްސަނީ

އެކިއެކި ބަލިތަކާ ގުޅިގެން، ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން، ބޭސް ސިޓީ އާ ކުރުމަށްޓަކައި މި ދުވަސްވަރު ޑޮކްޓަރަށް ނުދެއްކިޔަސް ބޭސް ލިބޭނެ ގޮތް އާސަންދަ އިން ހަމަޖައްސަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.


އެ ކުންފުނިން މި މިކަން ހަމަޖައްސައިދިނީ، ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ބަޔަކު އެއްވާ ތަންތަނަށް ނުދިއުމަށް ކަމާ ބެހޭ އިދާރާތަކުން އެންގުމާ ގުޅިގެންނެވެ.

ނޭޝަލަން އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ މީހުން ޑޮކްޓަރަށް ނުދެއްކި ނަމަވެސް އޮޓޮމެޓިކުން ބޭސް ސިޓީ އާ ކުރެވޭނެ އުސޫލެއް އާސަންދަ އިން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް ބޭނުންވާ ބޭސް އަންނަ ހޯމަ ދުވަހުން ފެށިގެން އެ އުސޫލުގެ ތެރެެއިން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ އިންތިޒާމުތައް އާސަންދައިން މިހާރު އަންނަނީ ހަމަޖައްސަމުންނެވެެ.

އާސަންދަ އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޑޮކްޓަރަށް ނުދެއްކިއަސް، އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބޭސް ފިހާރައަކަށް ދިއުމުން ބޭސް ލިބޭނެ ކަމަށެވެ.

ކުރީގައި ހަމަޖައްސާފައި އޮންނަ ގޮތުން ބޭސް ސިޓީ ދޫކުރާތާ 30 ދުވަހުގެ ތެރޭގައި ބޭސް ނަގަންޖެހޭނެ އެވެ. އަދި އެއް ފަހަރާ އެންމެ ގިނަ ވެގެން ބޭސް ނެގޭނީ ތިން މަސް ދުވަހަށް ވާ ވަރަށެވެ. އެ ބޭސް ހުސްވުމުން އަނެއްކާ ވެސް ޖެހޭނީ ޑޮކްޓަރަށް ދައްކައި އަލުން ބޭސް ނަގާށެވެ.

ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ބަލިތަކުގެ ތެރޭގައި، ލޭ މައްޗަށް ދިއުމާއި ހަކުރު ބައްޔާއި ކޮލެސްޓްރޯލް ފަދަ ބަލިތައް ހިމެނެ އެވެ.

ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން، ބޭސް ސިޓީ އާ ކުރުމަށް ޑޮކްޓަރަށް ނުދައްކައި ބޭސް ލިބޭނެ ގޮތް މި ހަމަޖެއްސީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މަޖުބޫރު ވެގެން ނޫނީ ހޮސްޕިޓަލަށް ނުދާން އިލްތިމާސް ކޮށްފައި ވަނިކޮށެވެ. އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް، އޭޑީކޭ އިން ވަނީ އޮންލައިން ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ.

ޗައިނާގައި އުފަންވެ، 162 ގައުމަކަށް ފެތުރިފައިވާ ކޮވިޑް-19 އަށް ރާއްޖެއިން ވެސް 13 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރޭގައ ހިމެނެނީ ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންގެ އިތުރުން 11 ޓޫރިސްޓުންނެވެ. އެ މީހުން ނިސްބަތް ވަނީ އިޓަލީ އާއި ޖަރުމަނާއި އިނގިރޭސި ވިލާތާއި ތުރުކީ އަދި ސައުތު އެފްރިކާގެ އަށެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ޓޫރިސްޓުންނެވެ. ރާއްޖެ އިން ކޮރޯނާވައިރަސް ފެނުނީ ކުރެއްދޫ ރިސޯޓަށް ޗުއްޓީ އަށް އައި އިޓަލީގެ ޓޫރިސްޓެއްގެ ފަރާތުން ކަމަށް ބެލެވޭއިރު، އެ ވައިރަހަށް ރާއްޖެ އިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ނުވަ މީހުން ނިސްބަތް ވަނީ އިޓަލީ އަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުން 182،609 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 7،171 މީހުން މަރުވެފައި ވެ އެވެ. އެ ބަލިން 79،883 މީހުން ރަނގަޅުވެފައި ވެ އެވެ.