ދައުލަތުގެ ބަޖެޓުން އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން ނިންމައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ އެ ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.


ބަޖެޓް ފާސްކުރި ދުވަހާ ހަމަ އަށް 10،000 މީހުން ހަމަވެފައިވާ ތިން ޕާޓީއަކަށް ފައިސާ ދޭން ވަނީ ނިންމައފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން ދެން ހިމެނެނީ އިދިކޮޅު ޕީޕީއެމް އެވެ.

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖޭޕީ އަށް ފައިސާ ދޫކުރަން ނިންމި ނަމަވެސް، އިދިކޮޅު ޕީޕީއެމަށް ފައިސާ ދިނުން ލަސްވަނީ، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ މިމަހުގެ 31ގެ ކުރިން އެ ރިޕޯޓްތައް ހުށަހެޅުމުން އެ ޕާޓީ އަށް ވެސް ފައިސާ ދޫކުރާނެ ކަމަށެވެ.

ފައިސާ ދޫކުރަނީ 10،000 މީހުންނަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް މެމްބަރަކަށް 327.29ރ. ގެ މަގުންނެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ 53،748 މީހުން ހިމެނޭ އެމްޑީޕީއަށެވެ. އެ ޕާޓީއަށް 17،612،793ރ. ލިބެ އެވެ. ބާރަ ހާސް މީހުން ރަޖިސްޓްރީ ވެފައިވާ ޖޭޕީ އަށް ލިބެނީ 3،974،249ރ. އެވެ. އިދިކޮޅު ޕީޕީއެމްގައި 36054 މެމްބަރުން ތިބޭއިރު އެ ޕާޓީއަށް 11،814،609ރ. ލިބެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން، މެމްބަރުންގެ އަދަދު 10،000 އަށް އަރާ ޕާޓީތަކަށް، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ޖަމާކޮށްދޭން ޖެހެ އެވެ. އެ ގާނޫނުގައި ވާ ގޮތުން ދުވަސްތައް ގުނަން ޖެހެނީ ބަންދު ދުވަސްތައް ނުލަ އެވެ.