ޖަލު އޮފިސަރުންނަށް އިންޒާރު ދިނުން އިތުރުވެއްޖެ: އެމްސީއެސް

މާލޭ ޖަލާއި މާފުށީ ޖަލުގައި ބައެއް ގައިދީން މިދިޔަ ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުންތަކަށް ފަހު، ޖަލު ބަލަހައްޓާ އޮފިސަރުންނަށް އިންޒާރު ދިނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން މިއަދު ބުނެފި އެވެ.


ޖަލުގައި ހަމަނުޖެހުންތަކެއް ހިނގަން ފެށީ ކޮވިޑް-19 ފެތުރޭތީ، އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ދިނުން މެދުކަނޑާލުމާ ގުޅިގެންނެވެ. އެމްސީއެސްއިން ބުނީ އެ ހަމަނުޖެހުންތައް ހިންގަމުން ދަނީ ބޮޑެތި ކުށްތަކެއްގެ ތަހުގީގަށް ބަންދުކޮށްފައި ތިބި ބަޔަކު ކަމަށެވެ.

ހޮނިހިރު ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ތިން ގައިދީއަކަށާއި ޖަލުގެ ފަސް އޮފިސަރަކަށް ވަނީ އަނިޔާވެފަ އެވެ. އޭގެ ފަހުން އެމްއެމްއޭ ކައިރިން ދެ އޮފިސަރަކަށް ހަމަލާ ދޭން އުޅެފައިވެ އެވެ. އަދި މާލޭ ޖަލު ކައިރިން މަރުތޭލަކުން ވަނީ ޖަލު އޮފިސަރަކަށް ހަމަލާ ދީފަ އެވެ.

އެމްސީއެސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔުނީފޯމްގައި އޮފިސަރުން މަގުމަތީ އުޅޭއިރު ތަފާތު އިންޒާރުތައް ދެމުން ދާ ކަމަށެވެ. އޭގެ އިތުރުން އެ ސާވިސްގެ ވެހިކަލަކާއި ފިހާރާގެ ބިއްލޫރިގަނޑު ދެ ފަހަރެއްގެ މަތިން ތަޅާލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ޖަލު އޮފިސަރުންގެ އިތުރުން މުވައްޒަފުންނަށްވެސް ތަފާތު އިންޒާރުތައް ދަނީ ދެމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ގައިދީންނަށް އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ދިނުން މެދުކަނޑާލި ނަމަވެސް އާއިލާ އަށް ގުޅުމަށް އިތުރު ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.