މުހިންމު ސަބަބެއް ނެތި ސަރުކާރު މުވައްޒަފުން ބޭރުގައި ނޫޅެން އަންގައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.


މިގޮތަށް އެންގީ، ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން އަޅާ ހާއްސަ ފިޔަވަޅުތަކާ ގުޅޭގޮތުން އެ އޮފީހުން ނެރުނު ބަޔާނެއްގަ އެވެ.

މިގޮތަށް އަންގާފައި މި ވަނީ މާދަމާ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ސަރުކާރު ބަންދުކުރަން ނިންމުމަށް ފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. ސަރުކާރު ބަންދުކުރާ މުއްދަތުގައި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރަން ރައީސް ވަނީ އަންގަވައިފަ އެވެ.

މި ޚިދުމަތްތައް ދިނުމަށް ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުންނާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރެން ވަނީ ރައީސް ވަނީ އަންގަވައިފަ އެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު މިހާތަނަށް ރާއްޖޭން ފެނިފައި ވާއިރު، މުޅި ރާއްޖޭގައި ވަނީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. މި ހާލަތުގެ ދަށުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށް ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އައުން މަނާކޮށް އަދި ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް ބަންދުކޮށް މިއަދު ވަނީ ޖަމާއަތުގައި ނަމާދުކުރުން ވެސް މާލެ ސަރަހައްދާއި ރިސޯޓްތަކުގައި މެދުކަނޑާލަން އަންގައިފަ އެވެ.

ކޮވިޑް-19 މިހާތަނަށް މުޅި ދުނިޔެއިން 198،400 އަށް ވުރެ ގިނަ މީހުންނަށް ޖެހި އޭގެ ތެރެއިން 82،000 އަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 7،987 މީހަކު ވަނީ މަރުވެފަ އެވެ.