އިލެކްޝަންސް ކޮމިޝަނަށް އަކްރަމް އައްޔަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް މިހާރު ވެސް އެކޮމިޝަނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަކްރަމް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


އިލެކްޝަންސް ކޮމިޝަނަށް އަކްރަމް އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި އެ ވަގުތު ތިއްބެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

އީސީ އަށް މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި އިރު، އެ ލިސްޓްގެ ކުރީގައި ހިމަނުއްވާފައި އޮތީ ވެސް އަކްރަމްގެ ނަމެވެ.

ރައީސް އޭރު ފޮނުއްވި ލިސްޓްގައި ލިސްޓުގައި ދެން ހިމެނިވަޑައިގަންނަވަނީ އީސީގެ ކުރީގެ މެމްބަރު އަހްމަދު ފަޔާޒާއި ހަނީފާ ޚާލިދުގެ އިތުރުން އަހްމަދު މަންސޫރެވެ.

އީސީ އަށް މެމްބަރަކު ހޮވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަކްރަމްގެ ދައުރު ހަމަވާތީ އެ މަގާމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަންގެ މެމްބަރަކަށް އައްޔަންކުރެއްވި އަކްރަމަކީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އެއް މެމްބަރެވެ. އިންތިޚާބާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު އާއްމު ކުރެއްވުމުގައި ވެސް އުޅުއްވީ އަކްރަމެވެ. ރިޔާސީ އިންތިޚާބު އޮޅުވާލި ކަމުގެ ތުހުމަތާ އެކު ބިރުދެއްކުމާއި މަރުގެ އިންޒާރު ދޭން ފެށުމުން އެ ދުވަސްކޮޅު ރާއްޖެ އިން ބޭރުގައި ވެސް އުޅުއްވަން ޖެހިވަޑައިގަތެވެ. އެ ތުހުމަތުތައް ދޮގުކުރައްވައި އޭނާ ވިދާޅުވެފައި ވަނީ، އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ހަމަހަމަކާއި އިންސާފުން ކަމަށާއި އިންތިޚާބު އޮބްޒާވްކުރި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް އެކަން ބަލައިގަނެފައިވާ ކަމަށެވެ.