ކޮވިޑް-19: ބޭނުމެެއް ނެތި މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ގެއަށް ފޮނުވާލަނީ

ކޮރޯނާވައިރަސްއާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާތީ، ބޭނުމެއް ނެތި މަގުތަކާއި އާންމު ތަންތަނުގައި އުޅޭ މީހުންނަށް ގެއަށް ދިއުމަށް ފުލުހުން މިއަދު ނަސޭހަތް ދޭން ފަށައިފި އެވެ.


ކޮޮރޯނާވައިރަސް ހުރި 13 މީހަކު ރާއްޖެ އިން ފެނުމުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. އެގޮތުން، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ވެސް ވަގުތީ ގޮތުން ބަންދުކޮށް، ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި ނޫޅެން އޮތީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މިއަދުން ފެށިގެން ހަފުތާ އަކަށް ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައިވާތީ، ޒަރޫރީ ބޭނުމެއް ނެތި މަގުތަކުގައި އުޅޭ މީހުންނަށް ނަސޭހަތް ދިނުމުގެ ކަންކަން ފަށާނެ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޒަރޫރީ ބޭނުމެއް ނެތި މަގުތަކުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ، އެ މީހުންނަށް ކިޔައިދޭނަން އަޅުގަނޑުމެން ފުލުހުން އަދި ހުރިހާ ސްޓޭކް ހޯލްޑާސް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މިވަގުތު ގޭގައި މަޑުކޮށް ދިނުމަށް،" ނަވީން ވިދާޅުވި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަސްއާ ގުޅިގެން. މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި ވެސް ފުލުހުންގެ ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އެގޮތުން، ފުލުހުންގެ އަދަދު އިތުރުކޮށް، ޑިއުޓީތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށުގައި ވެސް އާންމު ތަންތަނަށް މީހުން އެއް ނުވާން ނަސޭހަތް ދޭނެ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

ފުލުހުން މިއަދު ބޭއްވި ނިއުސް ބްރީފިންގެ ތެރެއިން: (ކ-ވ) އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފައިރޫޝް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ނަވީން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ރަށްރަށުގެ މައިޒާންތަކާއި ހިތްފަސޭހަ ޖޯލިތަކުގައި ތަންކޮޅެއް މީހުން ގިނަވެއްޖިއްޔާމު އަޅުގަނޑުމެން އެ ބޭފުޅުންނަށް ނަސޭހަތް ދީ، ފޮނުވައިލުމުގެ މަސައްކަތްތައް ކުރިއަށް ދާނެ. އަޅުގަނޑުމެން އެދެނީ އެ ކަންކަމުގައި ވީހާ ވެސް ބޮޑަށް އަޅުގަނޑުމެންނަށް އެހީތެރިވެ، އެއްބާރުލުން ދެއްވުމަށް،" ފައިރޫޝް ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މި ދުވަސްވަރު ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުވާ މީހުންގެ އަދަދު މަދު ކުރުމަށްޓަކައި އޮންލައިންކޮށް، މައްސަލަތައް ހުށަހެޅޭނެ އިންތިޒާމެއް މިއަދު ހަމަޖައްސާނެ ކަމަށެވެ. އެހެންވެ، ފުލުހުންގެ މަރުކަޒަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް މައްސަލަތައް ހުށަހަޅަން އޭނާ އެދިވަޑައިގަތެވެ.

"ޒަރޫރީ ބޭނުމެއް ނެތި މަގުތަކުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ، އެ މީހުންނަށް ކިޔައިދޭނަން އަޅުގަނޑުމެން ފުލުހުން އަދި ހުރިހާ ސްޓޭކް ހޯލްޑާސް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މިވަގުތު ގޭގައި މަޑުކޮށް ދިނުމަށް،" ނަވީން

"އާންމު އުސޫލުން އަޅުގަނޑުމެން މި އަމަލުކުރާ ގޮތަށް މީހެއްގެ ބަޔާން ނަގައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި މި ފޯމަކީ އެ މީހެއްގެ ބަޔާނުގެ ގޮތުގައި މި ވަގުތަށް ބަލައިގެން ކުރިއަށް ދާ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތް މި ބައްޓަން ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނިފައި ވިޔަސް، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޓޫރިސްތުން ރަށްރަށަށް އެރުން މަނާކޮށް، ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުން ފަދަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.