ކޮވިޑް-19: ޑޮލަރުގެ ތާށިކަމެއް ނާންނާނެ، ފައިސާގެ އަގު ނުވެއްޓޭނެ: އަމީރު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ އެކު ޑޮލަރުގެ ތާށިކަމެއް ނާންނާނެ ކަމަށާއި ފައިސާގެ އަގު ވެސް ނުވެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، އިގްތިސާދަށް ވާނެ ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދީގެން މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މި ދަނޑިވަޅުގައި ވީހާ ވެސް އަވަހަށް އިގްތިސާދަށް ޑޮލަރު އިންޖެކްޓް ކުރުމަށްޓަކައި ވެސް ވަގުތުން ވަގުތަށް ނެގޭނެ 600 މިލިއަން ޑޮލަރުގެ ދެ ފެސިލިޓީއެއް އެބަ އޮތް ކަމަށެވެ.

އެއީ އިންޑިޔާގެ ރިޒާވް ބޭންކް އޮފް އިންޑިޔާ (އާރްއައިބީ) ނަގާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އާއި ސާކްގެ ގައުމުތަކަށް ލިބޭ ހާއްސަ 200 މިލިއަން ޑޮލަރުގެ ފެސިލިޓީ އެވެ.

"އަޅުގަނޑު ޔަގީންކަން ދެނީ އިމްޕޯޓު ކުރާ ފަރާތްތަކަށް ވެސް، ރާއްޖޭގެ އެހެނިހެން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ޑޮލާ ކްރައިސިސްއެއް އިރާދަކުރެއްވިއްޔާ ނާންނާނެ ކަމަށް. އަދި ޑީވެލުއޭޝަނާ ހަމައަށް ދާކަށް ވެސް ނުޖެހޭނެ،" އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ އެކު ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި އަމީރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި--ފޮޓޯ: އަހުމަދު އަވްޝަން އިލިޔާސް

މިނިސްޓަރު އަމީރު ވިދާޅުވީ، މިދަނޑިވަޅުގައި މަސައްކަތް ކުރާނީ ރާއްޖޭގައި ހުރި ޑޮލަރު ބޭނުން ކުރުމަށް ނޫން ކަމަށާއި ބޭރުން އެފައިސާ ހޯދޭނެ ގޮތްތަކަށް ކަމަށެވެ. އެހެން ކަމުން އެ ހާލަތުގައި ރިޒާވަށް ކުރާ އަސަރު ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިދަނޑިވަޅުގައި އިމްޕޯޓު މަދުވުމުން ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ކުޑަވުމުގެ ފުރުސަތު އެބައޮތް. އެކަން އެހެން އޮތަސް ބޭރުގެ ފަންޑިން ހޯދަމުންދާނަން،" އޭނާ ވިދާޅުވި އެވެ.

އިސްކަން ދެނީ އިގްތިސާދު ދަމަހައްޓަން

ފިނޭންސް މިނިސްޓަރު ވިދާޅުވީ، އިގްތިސާދު ދެމެހެއްޓުމަށްޓަކައި އަޅަން ޖެހުނު ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ. އެގޮތުން މި ވަގުތަކީ، ރާއްޖޭގެ ދަރަންޏަށް ބަލައިގެން ކަންކަން ނިންމުމަށް ވެސް ހާއްސަ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ބޭރުގެ މާލީ އެހީތެރިކަން ލިބޭ ގޮތަކަށް ހޯދައިގެން އިގްތިސާދު މިހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

"ހަގީގަތުގައި ބޭނުމެއް ނޫން ރާއްޖޭގެ ދަރަނީގެ ނިސްބަތް އޮތީ ކިހާ ހިސާބެއްގަތޯ ބަލާކަން. ނަގަން ޖެހޭ ހުރިހާ ލޯނެއް ނަގައިގެން ވެސް، ބޭރުގެ ފަންޑިންތަކެއް ހޯދައިގެން ވެސް އަޅުގަނޑުމެން ބޭނުންވަނީ މީގެ އެއް އަހަރު ފަހުން ވެސް އިގްތިސާދެކޭ ކިޔާފައި ވާހަކަ ދައްކަން އިގްތިސާދެއް އޮތުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ބޭރުން ޓްރެޝަރީ ބޮންޑެއް އިޝޫކޮށްގެން ވެސް ރާއްޖެއަށް ޑޮލަރު ގެނެސްގެން، އިގްތިސާދު ހިންގަން މަސައްކަތް ކުރާނެ ކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފަކު ޑޮލަރު ގުނަނީ:ފޮޓޯ: މިހާރު

އިގްތިސާދުގައި ޑޮލަރު އިތުރު ކުރަން އެމްއެމްއޭގެ ފިޔަވަޅުތައް

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، އިގްތިސާދުގައި ފައިސާ ދައުރުވާ ވަރު އިތުރު ކުރުމަށްޓަކައި ބޭންކްތަކަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރިޒާވް ރިކުޔާމެންޓް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރައްވާނެ ކަމަށެވެ. އަލީ ހާޝިމު ވިދާޅުވީ، އާންމުންގެ ތެރޭގައި އަންނަ ނުތަނަވަސް ކަމާ އެކު ޑޮލަރުގެ އަގަށް މިވަގުތު އަންނަމުންދާ އަސަރުތައް ކުޑަ ކުރުމަށްޓަކައި ބާޒާރުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރު ކުރާނެ ކަމަށެވެ.

"މިއަންނަ ހަފްތާއިން ފެށިގެން ކުރިއަށް ހުރި ދުވަސްތަކުގައި ޑޮލަރު އެވެއިލަބަލް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން 150 މިލިއަން ޑޮލަރު ފެސިލިޓީއެއް ބޭންކްތަކަށް މިދަނޑިވަޅުގައި ދިނުމަށް ވެސް އެމްއެމްއޭއިން ވަނީ ނިންމައިފަ އެވެ. މިކަން ކުރަން ވެސް ނިންމާފައި ވަނީ ޑޮލަރު ބާޒާރުގައި އިތުރު ކުރުމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލިމަޑުކަމާ އެކު ރާއްޖޭގެ ހުރިހާ އިންޑަސްޓްރީއަކަށް ބޮޑު އަސަރެއް ކުރާ އިރު އިގްތިސާދީ ދުވެލި ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.