އޭޑީކޭ އިން ސެނެޓައިޒާ ވަގަށް ނަގާ މައްސަލަ ބޮޑުވެއްޖެ

އޭޑީކޭ ހޮސްޕިޓަލްގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުންނަ ސެނެޓައިޒާ ފުޅިތައް ވަގަށް ނެގުން އިތުރު ވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


އޭޑީކޭއިން ވަނީ ސެނެޓައިޒާ ފުޅިއެއް ވަގަށް ނަގާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ބަލި މީހުން އަޅާ މާސްކެއް އަޅައިގެން ހުރި މީހަކު ފާރުގައި ހަރުކޮށްފައި ހުރި ސެނަޓައިޒާ ފުޅިއެއް ނަގައި ދަބަހަށްލާ ތަނެވެ.

ސެނަޓައިޒާ ފުޅި ވަގަށް ނަގާ ވީޑިއޯ

އޭޑީކޭ އާއި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގައި އަބަދުވެސް ސެނެޓައިޒާ ބަހައްޓާފައި ހުރެ އެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަފްއާލް ވިދާޅުވީ ސެނެޓައިޒާ ފުޅިތައް ވަގަށް ނަގަން ފަށާފައިވަނީ މިފަހުން ކަމަށެވެ.

"މިހާރު ކޮންމެ ދުވަހަކުގެން ފުޅިތައް ރިފިލް ކުރަން ޖެހޭ. އެކަމުގެ ތެރެއިން މި އެނގެނީ ފުޅިތައް ގެންގޮސް ހުންނަކަން،" އޭނާ ވިދާޅުވި އެވެ.

"ބޮޑަށް މީހުން މަދު ހިސާބުތަކުގައި ހުންނަ ފުޅިތައް ވަގަށް ގެންދަނީ."

އަފްއާލް ވިދާޅުވީ އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ސީސީޓީވީ ބަލައިގެން އެކަން ކުރި މީހުން ހޯދަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަތް ސާފު ކުރުން އިތުރު ކުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވާއިރު ސެނަޓައިޒާގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ. ގިނަ ފިހާރަތަކަކުން ސެނަޓައިޒާ ހުސްވެފައިވާއިރު ހުރި ތަންތަނުންވެސް ވިއްކަމުން ދަނީ ކުރިއަށްވުރެ ބޮޑު އަގުގަ އެވެ.