ކަރަންޓީން އަމުރާ ޚިލާފަށް ރިސޯޓަކަށް އެރި މުވައްޒަފުގެ ބަންދަށް 15 ދުވަސް

ކޮވިޑް-19 ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރިސޯޓްތަކަށް މީހުން އަރައި ފޭބުން މަނާކޮށްފައި ވަނިކޮށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރުކޮށްދީފި އެވެ.


ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރިސޯޓްތަކަށް ދަތުރު ކުރުމާއި ފަތުރުވެރިން ރަށްރަށަށް އެރުވުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު އެ އެންގުމާ ޚިލާފަށް ހއ. އަތޮޅު ރިސޯޓެއްގެ މުވައްޒަފަކު އެރުމާ ގުޅިގެން ރޭ އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 15 ދުވަހަށް ބަންދުގައި ބަހައްޓަން އެ ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.

ރިސޯޓަށް އެރި މުވައްޒަފަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރިއިރު މީގެކުރިން ވެސް ރިސޯޓް މުވައްޒަފުންތަކެއް ބައެއް ރަށްރަށަށް ދިއުމުން އެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން އައްޑު އަތޮޅުގެ ރިސޯޓަކުން ފަތާފައި މީދޫއަށް ދިޔަ މީހަކާއި އެހެން ރިސޯޓެއްގެ ދެ މުވައްޒަފަކު ފުވައްމުލަކަށް ދިއުމުން އެ މީހުން ވެސް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ކުރިން ވަނީ އިތުރުކޮށްފަ އެވެ.

ކޮވިޑް-19 ހުރި 13 މީހަކު ރާއްޖެއިން ފެނުނަސް، އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެކަމުގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކަށް އަރައި، ފޭބުން މަނާ ކުރުމުގެ އިތުރުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި އޮފީސްތަކާއި ސްކޫލްތައް ވަގުތީ ގޮތުން ބަންދު ކުރުމުގެ އިތުރުން މާލޭގައި ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ތިބެގެން ކާބޯތަކެތީގެ ޚިދުމަތް ނުދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.