ކުދިން ފޫހިވިޔަނުދީ! ކުރެވޭނެ ކަންތައް އެބަހުރި

މި ދުވަސްވަރު އެންމެ ރައްކާތެރި ގޮތަކީ ބޭރަށް ނުނިކުމެ ގޭތެރޭގައި ތިބުމެވެ. މައިންބަފައިންނަށް ވަގުތު ނުލިބިގެން ނުކުރެވި ހުރި ދަރިންގެ ކަންތައްތައް ކޮށްލުމެވެ. އެ ކުދިންނަށް ކިޔަވައިދީ ތަފާތު ކަންކަން ދަސްކޮށްދިނުމެވެ. އޭގެ ތެރެއިން ސިކުނޑި ތާޒާކޮށްލުމަށް ކޮންމެވެސް ކުޅިވަރެއްގައި ބައިވެރިކުރުވުން މުހިއްމެވެ.


އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ތަޖުރިބާކާރު ލީލާ އަހުމަދު ވިދާޅުވާ ގޮތުގައި ދިރިއުޅޭ ތަން ކިތައްމެ ކުޑަ ނަމަވެސް ގޭގައި ކުޅިވަރު ކުޅެވޭނެ އެވެ. ބޭރަށް ނުނިކުމެ، އަބަދު ގޭތެރޭގައި އުޅޭއިރު ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ސަމާލުކަންދޭން ޖެހޭތީ ތަފާތު އެކި ކުޅިވަރުތަކުގައި ދަރިވަރުން ޝާމިލްކުރުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

ބައެއް ސްކޫލުތަކުން ދަރިވަރުންނަށް ފިލާވަޅުތައް ވަނީ ހަވާލުކޮށްފަ އެވެ. ބެލެނިވެރިން އަންނަނީ އެ މަސައްކަތްތައް ވެސް ފުރިހަމަ ކުރުވަމުންނެވެ. އެކަމަކު ލީލާ ވިދާޅުވީ ކުޑަކުދިން ދުވާލު ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރުން ރަނގަޅު ނޫން ކަމަށެވެ.

"ދެ ގަޑިއިރަށް ވުރެ ގިނައިން ކިޔަވައިދިނުން އެހާ ރަނގަޅެއް ނުވާނެ. އެއަށް ވުރެ ގިނަ އިރު ވެއްޖިއްޔާ ކުދިން ވަރަށް ފޫހިވާނެ. އެހެންވެ ސިކުނޑި ތާޒާކޮށްލަން ކުޅިވަރު ކުޅުވުން މުހިއްމު،" ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ލީލާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ގޭގައި ތާށިވެ ތިބޭއިރު ސްކްރަބްލް، މޮނޮޕޮލީ، އޮށްވަޅުގޮނޑި އަދި ސްކިޕިން ކުޅެވިދާނެ އެވެ. އޭގެ އިތުރުން ތަޅުންގަނޑު މަތީގައި ބޯޅަ ބައުންސްކޮށްގެން ކުޅުމާއި ސިޑިން އަރައި ފޭބުމަކީ ވެސް މި ދުވަސްވަރު ކުޅެވިދާނެ ގޭމްގެ އިތުރުން ކަސްރަތެކެވެ. އެކަން ލީލާގެ ސޯޝަލް މީޑިއާއިން ވަރަށް ރަނގަޅަށް ދައްކައިދެ އެވެ.

"އެ ގޭމްތަކުން ހިސާބާއި އެކި ބަސްތައް ދަސްކުރެވިދާނެ. އޮށްވަޅުގޮނޑި ކުޅޭއިރު އިނގިލިތަކުގެ ކަސްރަތުގެ އިތުރުން ހިސާބު ވެސް ދަސްވާނެ. ޕިކްޝަނަރީ އާއި އިޝާރާތް ބަސް ބޭނުންކޮށްގެން ކުޅޭއިރު ހަރުބަސް އެއްޗެހި ދަސްކޮށްދެވޭނެ،" ލީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރިންނަށް މި ދުވަސްވަރު ކިޔަވައިދޭއިރު ވެސް ކުއްޖާގެ ބަސް ރަނގަޅުކުރަން ހާއްސަ ސަމާލުކަމެއްދީ މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށެވެ. ދިވެހި އަދި އިނގިރޭސި ބަހުގެ ފޮތްތައް ކިޔަން، ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއް ކަނޑައެޅިދާނެ އެވެ. އެ ބަހަކުން ދަސްވި އެއްޗެއް ތަސްވީރުކޮށްދީ އޭގެ ފަހުން ކުރެހި އެއްޗެއް ލިޔަން ދަސްކޮށްދެވިދާނެ ކަމަށް ވެސް ލީލާ ވިދާޅުވި އެވެ.

ކިޔަވައިދިނުމާއި ކުޅިވަރުގެ އިތުރުން ދަރިންނަށް އެނދުމަތި އެޅުމާއި ކައްކަން ދަސްކޮށްދީ ގޭތެރެ ތަރުތީބުކޮށް ބޭއްވުމުގެ މުހިންމުކަން ވިސްނައިދޭން ވެސް މިއީ އެންމެ އެކަށީގެންވާ ވަގުތެވެ.

"މިއޮށްހާ ދުވަހު ބިޒީ ވެގެން ކުދިންނަށް އެ ކަންތައް ދަސްކޮށްދޭން ވަގުތު ނުވީ. ފޫހިވާން ވެސް ދަސްކޮށްދޭން ޖެހޭ. އޭރަށް އެ ވަގުތުގައި ކުރާނެ ކަމެއް އަމިއްލައަށް ނިންމަން ދަސްވާނީ،" ލީލާ ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވެސް ވިދާޅުވީ ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރާއިރު، އާއްމު ދިރިއުޅުމަށް ބޭނުންވާނެ ހުނަރުތައް ދަސްކޮށްދީ އާއިލީ ގުޅުން ވަރުގަދަކުރަން ވަރަށް މުހިއްމު ކަމަށެވެ. ދަރިވަރުންނަށް ނަމާދުގައި ކިޔާ އެއްޗެހި އެނގޭތޯ ބެލުމާއި ދުއާތައް ރަނގަޅަށް ދަސްވެފައި ހުރިތޯ ވެސް ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކެއްކުން ފަދަ ކަންކަން ދަސްކޮށްދެވިދާނެ. މުނިފޫހި ފިލުވުމުގައި ސްކްރީން ޓައިމް މަދުކުރުން މުހިއްމު،" ހަސަން ވިދާޅުވި އެވެ.

ގެއިން ބޭރަށް ނުނިކުމެ މަޑުކުރަން ޖެހުމުން ކުދިން ވެސް ފޫހިވާނެ އެވެ. އެކަމަކު މިއަދު އެ ފޫހިކަން ފިލުވާނެ އެތައް ވަސީލަތެއް އެބަ ހުއްޓެވެ. އަދި އެފަދަ ވަސީލަތްތަކުން ކުދިންނަށް ވެސް އެތައް ކަމެއް، ބެލެނިވެރިންގެ ބެލުމުގެ ދަށުން، ދަސްކުރެވިދާނެ އެވެ. އެހެންކަމުން މި "ބަންދުން" މިނިވަންވުމުގެ ކުރިން ގޭތެރޭގެ އެބައިތައް ފުރިހަމަކޮށްލަމާ ހެއްޔެވެ؟