އެކްސްކާޝަންތައް މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

އެކްސްކާޝަންތަކުގައި އެއްވެސް ތަނަކުން މީހުން އައުމާއި ދިއުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި އެވެ.


ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނުމާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އެކްސްކާޝަންތަކުގައި މީހުން އައުމާއި ދިއުން ކުރިން ވެސް ހުއްޓުވި އެވެ. އެކަމަކު އޭރު އެކަން ހުއްޓުވީ 10 ދުވަހަށެވެ.

ކުރީގެ އެންގުމުގެ މުއްދަތު މާދަމާ ހަމަވާތީ ނެރުނު އެންގުމުގައިވަނީ ވަކި ގޮތެއް އަންގަންދެން، ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުން އެކްސްކާޝަންގެ ގޮތުގައި މީހުން އައުމާއި ދިއުން ހުއްޓާލަން އަންގާ ކަމަށެވެ.

އެކްސްކާޝަންތައް ހުއްޓާލަން އެންގިއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފަތުރުވެރިން ރަށްރަށަށް އެރުވުމާއި ރިސޯޓްތަކަށް ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން ސްކޫލްތަކާއި ކޮލެޖްތައް ވަގުތީ ގޮތުން ބަންދު ކުރުމުގެ އިތުރުން މާލޭގައި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ތިބެގެން ކާބޯތަކެތީގެ ހޯދުން ވެސް ވަނީ މަނާކޮޮށްފަ އެވެ.

ކޮވިޑް-19 ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނުނަސް، އޭގެ ތެރެއިން ތިިން މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.