ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ސާފުކުރަން ފަށައިފި

ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ސާފުކުރަން މިއަދު ފަށައިފި އެވެ.


އެމްއެންޑީއެފްއާ ގުޅިގެން ކުރާ މި މަސައްކަތުގައި އެންމެ ފުރަތަމަ ސާފުކުރަން ފަށާފައިވަނީ އައިޖީއެމްއެޗު ހުންނަ ކަނބާއައިސާރަނި ހިނގުމެވެ. އޭގެ ފަހުން ރިންގް ރޯޑަށް ކްލޮރިން އަޅާނެ އެވެ.

މަގުތައް ސާފުކުރުން ފެށުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މަގުތަކަށާއި، ފަޔަ ލޮރީގެ ހޮޅި ވެއްދޭ ހަނި ގޯޅިތަކަށް ވެސް ކްލޮރިން އަޅައި ޑިސްއިންފެކްޓް ކުރާނެ ކަމަށެވެ. އެކަމުގައި ބޭނުންކުރަނީ އުޅަދުތަކަށް ގެއްލުން ނުލިބޭނެ ކްލޮރިން ކަމަށް ވިދާޅުވި އެވެ.

ކްލޮރިން އަޅައިގެން މަގުތައް ސާފުކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ކުޑަ ރަސްމިއްޔާތުގައި، މާލެ ސިޓީ މޭޔަރު ޝިފާ ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ޝިފާ ވިދާޅުވީ ކްލޮރިން އެޅުމުގެ ތެރޭގައި ދެ ކަމެއް ކުރާ ކަމަށެވެ. އެއީ ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމެވެ.

އޭނާ ވަނީ ކޮވިޑް-19 ފެތުރޭތީ މި ދުވަސްވަރު މާލެ ސާފުކޮށް ބާއްވަން ހާއްސަ ސަމާލުކަމެއް ދީ މަގުތަކަށް ކުނި ނޭޅުމަށާއި ކުޅު ނުޖެހުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ކްލޮރިން އަޅައިގެން މަގުތައް ސާފުކުރަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"ހުރިހާ ބޭފުޅުން އެކުވެރިިކަމާއި އެއްބާރުލުމާއެކުގައޭ އަޅުގަނޑުމެންނަށް މިކަމުން ސަލާމަތްވެވޭނީ. މި ދަނޑިވަޅުގައި ވެސް މަގުތައް ސާފުކުރުމަށްޓަކައި އަޅުގަނޑުމެން ނުކުތް ކަމުގައި ވިއަސް ތަކުރާރުކޮށް ދަންނަވާލާނަން، ހުރިހާ ބޭފުޅުން ގޭގައި ރީއްޗަށް ތިއްބަވައިދެއްވާށޭ. އަޅުގަނޑުމެން ތި ބޭފުޅުންނަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތްތައް ކުރަމުންނޭ މި ދަނީ،" ޝިފާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު

އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުގެ ކޮމަންޑަން ބްރިޖޭޑިއާ ޖެނެރަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ދެ ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ހިސާބަކަށް ކްލޮރިން އެޅުމަށް ކަމަށެވެ. މި ދުވަސްވަރު ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭން މިހާތަނަށް ފެނިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިސޯޓުގެ ބިދޭސީ ދެ މުވައްޒަފުންނާއި 11 ޓޫރިސްޓުންނެވެ. މުޅި ދުނިޔެ އަށް ބަލާއިރު މިހާތަނަށް 339،710 މީހުންނަށް މި ބަލި ޖެހި 14،704 މީހުން ވަނީ މަރުވެފަ އެވެ.