ޕާކިސްތާނުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޕާކިސްތާނުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އެ ގައުމާ އެކު ދިވެހި ސަރުކާރުން މަޝްވަރާ ކޮށްފި އެވެ.


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރައިޝީއާ ފޯނުން ގުޅުއްވައި، އެ ގައުމުގައި ތިބި ދިވެހިންގެ ހާލާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ދިވެހިންނަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބިރުވެރިކަން ޕާކިސްތާނުގައި ވެސް ވަނީ ބޮޑުވެފަ އެވެ. އެ ގައުމުން 800 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު ހަ ވަނަ މީހާ ވަނީ މިއަދު މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް، ޕާކިސްތާނުގެ ޕަންޖާބު ވަނީ މިހާރު ލޮކްޑައުން ކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ އެ ރޯގާ އިން ރައްކާތެރިވުމަށް ކުރަމުންދާ ހަނގުރާމައިގައި ދެ ގައުމުން އެއްބާރުލުން ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް، މަޝްވަރާ ކުރެއްވި ކަމަށެވެ.

ޕާކިސްތާނުގައި 500 އެއްހާ ދިވެހި ކިޔަވާ ކުދިން ދިރިއުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 13 މީހަކު ޕޮޒިޓިވްވި ނަމަވެސް އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު އަދިވެސް ރޯގާ ފެތުރިދާނެ ކަމުގެ ބިރު އޮތުމުން، ސަލާމަތީ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ.