މެމްބަރުން ގޭގައި ތިބެގެން އޮންލައިންކޮށް ޖަލްސާތައް ބާއްވަން ނިންމައިފި

ކޮވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިން ކޮށް ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.


މެމްބަރުން ގޭގައި ތިއްބަވައިގެން އަންނަ ހަފުތާ އިން ފެށިގެން ޖަލްސާތައް ވާޗުއަލްކޮށް، ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ ކޮމިޓީތަކުގެ މުގައްރިރުންނާއި ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރެއްވުމަށް ފަހު ގަ އެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ މެދު ނަޝީދު މެމްބަރުންގެ މަޝްވަރާ ހޯއްދެވީ، ރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅިގެން މަޖިލީހުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް މިދިޔަ ބުދަ ދުވަހު މެދު ކަނޑައިލީ ކޮވިޑް-19 ފެތުރޭތީ އެއްވެ އުޅުން މަދުކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށެވެ. މަޖިލީހުގެ ޖަލްސާތައް މެދު ކަނޑައިލި އިރު، އަވަހަށް ނިންމަން ޖެހޭ ބައެއް ކަންތައްތައް އެބަ ހުއްޓެެވެ.

ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމާއި މެދު ގޮތެއް ނިންމުމަކީ އޭގެ ތެރެއިން އެއް ކަންތަކެވެ. މި މަަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އިންތިޚާބު ބާތިލު ކުރުމާއި ފަސްކުރުމަކީ ސުޕްރީމް ކޯޓާ ގުޅޭ ކަމެއް ނޫން ކަމަށް ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓެއްގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަަމަށެވެ.

ނަމަވެސް، އިންތިޚާބު ފަސްކުރުމަކީ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަަމެއް ކަމަކަަށް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.

"އިންތިހާބު ލަސްކުރަން ވެއްޖެ ނަމަ އެހެންވީމާ ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކީ މި މަޖިލިސް،" ނަޝީދު ވިދާޅުވި އެވެ.