ކޮވިޑް-19: އެންގުމާ ހިލާފުވި ފަސް ކެފޭއެއް 5،000ރ. އިން ޖޫރިމަނާކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން މަނާކޮށްފައި ވަނިކޮށް، އެއާ ޚިލާފަށް އަމަލުކުރި ފަސް ތަނެއް 5،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނީ، ކޮވިޑް ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، އާންމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމާ ޚިލާފުވުމުން މިދިޔަ އާދިއްތަ ދުވަހު އެެއް ކެފޭ ޖޫރިނަމާ ކޮށްފައިވާ ކަމަށެވެ. އަދި އިއްޔެ ދެ ކެފޭ/ރެސްޓޯރަންޓް ޖޫރިމަނާ ކޮށްފަައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ކެފޭ/ރެސްޓޯރަންޓާއި އާންމު ތަންތަނުގައި ޝީޝާ ބުއިން މަނާކޮށްފައި ވަނިކޮށް، އެއާ ޚިލާފުވި ކެފޭއެއް ވެސް މިދިޔަ ހުކުރު ދުވަހު ޖޫރިމަނާ ކުރި ކަމަށް ފުލުހުން ބުނެ އެވެ.

ކޮވިޑް ބަލި ފެތުރުމަށް މަގުފަހިވާ އެއް ކަމަކީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުން ކަމަށް ވާތީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ކެއުންބުއިން މިވަގުތަށް މަނާކުރީ އެކަން ހުއްޓުވުމަށެވެ. އެކަމަކު، އެ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ލިބޭނެ އެވެ.

އަދި ޝީޝާ ބުއިމަކީ ކޮރޯނާވައިރަސް ޖެހުމަށް މަގުފަހިވާ ކަމަކަށް ވާތީ އެކަން ވެސް، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މަނާކުރީ އެވެ.

ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ މި ބައްޔާ ދެކޮޅަށް އެޅޭނެ އެންމެ އެކަށީގެންވާ ހިދުމަތަކީ، އަމިއްލަ މީހާގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމެވެ. މި މަގްސަދުގައި ސަރުކާރުން ވަނީ ސްކޫލްތަކާއި ސަރުކާރު އޮފީސްތައް އަދި ޖިމް ފަދަ ތަންތަން ބަންދުކޮށްފަ އެވެ.

މި ބަލި ރާއްޖެއިން މި މަހު ހަތް ވަނަ ދުވަހު ފެނުނު ފަހުން ޕޮޒިޓިވްވި 13 މީހުންނަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން/ ޓޫރިސްޓުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ބަލިން ރަނގަޅުވި ނަމަވެސް ދުނިޔޭގައި މި ބަލި ދަނީ އަދިވެސް ބާރުމިނުގައި ފެތުރެމުން ކަމަށް ވުމުން، މިކަމާ މެދު ގެންގުޅޭ ސަލާމަތީ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަން ޖެހޭނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރު ކުރަމުންނެވެ.