ޓޫރިސްޓުންނާ މެދު ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އީޔޫގެ ތައުރީފް

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ޔޫރަޕްގެ ޓޫރިސްޓުން އެނބުރި ގައުމުތަކަށް ފޮނުވާލަން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އެ ޖަމާއަތުން ތައުރީފްކޮށްފި އެވެ.


އީޔޫގެ ވެބްސައިޓްގައި ބުނީ ރާއްޖޭގައި އީޔޫގެ އެއްވެސް އެމްބަސީއެއް ނެތަސް ޔޫރަޕްގެ ޓޫރިސްޓުން އެމީހުންގެ ގައުމުތަކަށް އެނބުރި ގެންދިއުމުގައި ދިވެހި ސަރުކާރުން ދިން އެއްބާރުލުން ވަރަށް ރަނގަޅު ކަމަށެވެ.

ކޮރޯނާވައިރަސް އިން ސަލާމަތްވާން ރާއްޖެއިން ފިޔާވަޅު އަޅަން ފެށިއިރު ރާއްޖޭގައި 34،000 ބިދޭސީން ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ ޔޫރަޕް މީހުން ކަމަށް، އެ ހަބަރުގައި ބުނެފައިވެ އެވެ.

އީޔޫން ބުނި ގޮތުގައި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅުތައް އެޅީ އީޔޫއާ މަޝްވަރާކޮށް އަދި އަ ޖަމާއަތުން ދޭ ލަފާ ވެސް ގަބޫލުކޮށްގެންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ޔޫރަޕާއި ރާއްޖެއާ ދެމެދު އުދުހޭ އެއާލައިންތަކުގެ ދަތުރުތައް ކުރިއަށް ގެންދިއުން ކަމަށް ވެސް ބުންޏެވެ.

"ރާއްޖެއިން ލިބުނު އެހީތެރިކަން ވަރަށް ފުރިހަމަ އެވެ،" އީޔޫން ބުންޏެވެ.

އެ ޖަމާއަތުން ބުނީ ކޮވިޑް-19 ޖެހޭ ބިދޭސީންގެ އަދަދު ދަށްކުރެވުނީ ރާއްޖެ އިން އެޅި ފިޔަވަޅުތަކުން ކަމަށެވެ. އަދި ޓޫރިސްޓުން އެކަހެރިކޮށް، ކަރަންޓީންކުރުމާ މެދު އީޔޫން ދޭ ލަފާ ވެސް ރާއްޖޭގެ ރަސްމީ ފަރާތްތަކުން އަޑުއެހިކަމަށް، ބުނެފައިވެ އެވެ.

ޓޫރިސްޓުން އެމީހުން ނިސްބަތްވާ ގައުމުތަކަށް ގެންދިއުމުގައި ސްރީ ލަންކާ އާއި އިންޑިއާގައި ހުރި އެމްބަސީތަކާއި އިނގިރޭސި އެމްބަސީން ވެެސް ވަރަށް ބޮޑު ދައުރެއް އަދާކުރި ކަަމަށް، އީޔޫ އިން ބުންޏެވެ.

އެ ޖަމާއަތުން ބުނީ ކޮންސިއުލާ އަދި ސިއްހީ މައުލޫމާތުތައް ޓޫރިސްޓުންނަށް ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިއާއިން ހާއްސަ ރޯލެއް އަދާކުރި ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ބޮޒިޓިވްވީ ޔޫރަޕްގެ 11 ޓޫރިސްޓުންނާއި ކުރެއްދޫ ރިސޯޓްގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަރެކެވެ.