ރާއްޖޭގައި ތިބި އިނގިރޭސި ޓޫރިސްޓުން ގައުމަށް އަނބުރާ ދާން އިލްތިމާސްކޮށްފި

ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ ޓޫރިސްޓުން ގައުމަށް އަނބުރާ ދިއުމަށް ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ފަތުރުވެރިން ރަށްރަށަށް ދަތުރު ކުރުން މަނާ ކުރުމާއި އިތުރު ގިނަ ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ.

ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ކުރުން މަނާ ކުރުމާއި ބޯޑަރުތައް ބަންދު ކުރުން ފަދަ ގިނަ ފިޔަވަޅުތައް ގައުމުތަކުން އަޅަމުންދާ ކަމަށެވެ. އަދިި ރާއްޖެއިން ވެސް އެ ބަލި ހުރި ބައެއް މީހުން ފެނިފައިވާތީ އެފަދަ ފިޔަވަޅުތަކެއް ކުއްލިއަކަށް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ، އިނގިރޭސިވިލާތަށް އަނބުރާ ދިއުމަށް ރާއްޖޭގައި ތިބި އެ ގައުމުގެ ޓޫރިސްޓުންނަށް އިލްތިމާސްކުރާ ކަމަށް ވެސް އެ އެޑްވައިޒަރީގައިވެ އެވެ.

އިނގިރޭސިވިލާތުގެ ޓޫރިސްޓުން ގައުމަށް އަނބުރާ ދެވޭނެ ބައެއް ފްލައިޓްތައް މިހާރު ވެސް ރާއްޖެއިން ދަތުރު ކުރާ ކަމަށާއި އެކަމަކު އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓުން ދަތުރު ކުރެވޭނެ ކަން ކަށަވަރު ކުރަން ވެސް ހައި ކޮމިޝަނުން އިލްތިމާސް ކޮށްފައިވެ އެވެ. އަދި ފްލައިޓްތަކުގެ ވަގުތުތަކަށް ބަދަލު އައިސްދާނެ ކަން ވެސް އެ އެޑްވައިޒަރީގައި ފާހަގަ ކޮށްފައިވެ އެވެ.

އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުން ނެރުނު އެޑްވައިޒަރީ

ރާއްޖޭގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ވެސް އަނބުރާ ގައުމަށް ދިއުމަށް އިނގިރޭސި ސަރުކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވި ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު މިހާރު ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް ވެސް ދަނީ އަޅަމުންނެވެ. އެގޮތުން ރާއްޖެއަށް މީހުން އައުން މަނާކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެ އެވެ.