އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓްކުރަނީ

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓްކުރާ ގޮތަށް ނިންމައިފި އެވެ.


އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 8:00 ގައި ކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާއި ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ.

ޑިސްއިންފެކްޓްކުރުމުގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް އައްޑޫގެ އާންމު ބައެއް ތަންތަން ވަގުތީ ގޮތުން ބަންދު ވެސް ކުރަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އައްޑޫގެ ހުރިހާ ޕާކްތަކާއި ފިނި މައިޒާންތަކާއި ޕިކްނިކް ސަރަޙައްދުތަކާއި ސްވިމިން ޓްރެކް ސަރަހައްދުތަކާއި ފަތަންދާ އެހެނިހެން ސަރަހައްދުތަކާއި ކުޅިވަރު މައިޒާންތަކާއި ފުޓްބޯޅަ ދަނޑުތަކާއި އާންމުކޮށް ތާސްކުޅުމަށް އެއްވެ އުޅޭ ސަރަހައްދުތަކާއި ބަނދަރުތަކާއި ކޯޒްވޭތަކުގައި މަސްބޭނުމާއި ކެމްޕޭން ޖަގަހަތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ އިމާރާތުން ބޭރުން މަގުމަތީގައި ހިދުމަތް ދިނުން ހިމެނެ އެވެ.

ކައުންސިލުން ބުނިގޮތުގައި މި އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު ވެސް އަޅާނެ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް އައްޑޫގައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ގަމުގެ ދޫގަހުގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށް ހޮސްޕިޓަލްގައި އައިސޮލޭޝަން ވޯޑެއް ހަމަޖައްސައި ފްލޫ ކުލިނިކެއް ހުޅުވައި އެތަނުން އަންނަނީ ހިދުމަތް ދެމުންނެވެ.

ކޮވިޑް-19 އަށް ޝައްކުކުރިގެން އައްޑޫން ބަޔަކު ޓެސްޓް ވެސް ކޮށްފައިވެ އެވެ. އެކަމަކު އެ ހުރިހާ އެންމެން ވެސް ނެގަޓިވް އެވެ.