މާލޭގެ ގެތަކުގެ ކުލި ކުޑަކުރުމާ މެދު ވިސްނާނަން: ރައީސް

މާލޭގެ ގެތަކުގެ ކުލި ދުނިޔޭގެ އެންމެ އަގު ބޮޑު ސިޓީތަކާ އެއްވަރު ކަމަށާއި ކުލި ދަށްކުރުމާ މެދު ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮވިޑާ ގުޅިގެން، އެކި ފަރާތްތަކުން ބޭންކުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު ހަ މަހަށް ފަސްކޮށް އަދި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާއިރު، މާލޭގެ ގެތަކާއި ފްލެޓްތަކުގެ ކުލި ރެގިއުޅޭޓް ކުރުމާ މެދު ވިސްނަވަނީ ކޮން ގޮތަކަށްތޯ "މިހާރު" ން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ކުލި ބޮޑުކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާލޭގައި ދިރިއުޅުމަށް ދޭ ތަންތަނުގެ ކުލި ރެގިއުލޭޓް ކުރުމާ މެދު އަދި ސަރުކާރުގެ ވަކި ވިސްނުމެއް ނެތެވެ. އެކަމަކު، ކުލި ކުޑަކުރުމުގެ ވިސްނުން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމާ މެދު ވިސްނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން، މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އިގްތިސޯދަށް އައިސްފައިވާ ދަތިތަކާ ގުޅިގެން ކުލި ދެއްކޭނެ ގޮތެއް ނެތުމެވެ. އަދި މާލޭގެ ގޭގޭގެ ކުލި ރެގިއުލޭޓް ކުރެވޭނެ މެކޭނިޒަމެއް ސަރުކާރުން މިހާތަނަށް ހަމަޖައްސާފައި ނެތުމަކީ ވެސް ކަންބޮޑުވުމެކެވެ.

މިއަދުގެ މީޑީއާ ބްރީފިން އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންނާ ވަކިވަކިން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރައީސް މިއަދު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ސަރުކާރުން އިއުލާން ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ތެރެއިން ކުލި ދެއްކުމުގެ މަގުފަހިވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ގޭގޭގެ ކުލި ދައްކަން ބޭނުންވާ މީހުންނަށް ވެސް އެ ޕެކޭޖަށް ކުރިމަތިލެވޭނެ ކަމަށާއި ބީއެމްއެލްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ކުދި، މެދުފަންތީގެ ވިޔަފާރިވެރިންނަށް ވެސް ގެއްލުން ވާނެ ގޮތަކަށް ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށެވެ.

"އެސްއެމްއީ ބޭންކުގެ ތެރެއިން ވެސް އަޅުގަނޑުމެން އެބަ ކަނޑައަޅަން ރަނގަޅު އަދަދެއް. އޭގެ ތެރެއިން ވެސް، ކުއްޔަށް ހިފައިގެން އުޅޭ މީހުންނާއި ކުދި ވިޔަފާރިތަކަށް ލުއި ލޯނު ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައި ދޭނަން،" ރައީސް ވިދާޅުވި އެވެ.