61 ކިލޯގެ ޑްރަގާ އެކު 11 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންއެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވެއްޖެ އެވެ.


ކޮމިޝަނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ އިތުރުން މެރިން ޕޮލިހުން ހިންގި ނުވަ ދުވަހުގެ އޮޕަރޭޝަނެއްގައި ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީގެ ޓްވީޓް

ކޮމިޝަނާ ހަމީދު ވިދާޅުވީ ހައްޔަރުކުރި 11 މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ މަސް ދޯންޏަކުން ކަމަށެވެ. ބާކީ ތިބި މީހުން ހައްޔަރު ކުރީ މާލެ އާއި ހުޅުމާލެއިން ކަމަށް ވިދާޅުވި އެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ވިޔަފާރީގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ޓްރެފިކް ކުރުމުގެ މައްސަލައިގެ ތުހުމަތަަށް މިދިޔަ ޖެނުއަރީ މާލޭގެ 10 ގެއެއް ގާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.