އޮންއެރައިވަލް ވިސާ މެދުކަނޑާލައިފި، އެއާޕޯޓް ފަޅަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރޭތީ، ރާއްޖޭން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އޮންއެރައިވަލް ވިސާ ދޫކުރުން މިރޭ 12:00 އިން ފެށިގެން ހުއްޓާލައިފި އެވެ.


ކޮރޯނާވައިރަހާ ހެދި ގިނަ އަދަދެއްގެ ރިސޯޓްތައް ބަންދުކުރަން ޖެހި ޓޫރިސްޓުން އައުން ވަރަށް ބޮޑަށް މަދުވެފައި ވާއިރު، މި ފިޔަވަޅާ އެކު ޓޫރިސްޓުން އައުން އެއްކޮށް ހުއްޓޭނެ އެވެ. ރާއްޖެ އަށް ވުރެ ކުރިން ސަރަހައްދުގެ އެހެން ގައުމުތަކުން ވަނީ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. އަދި ބައެއް ގައުމުތަކުން ބޯޑަރު ވެސް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.

ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ހާހަކުން މީގެ ކުރިން ގުނެމުން ދިޔަ ނަމަވެސް ކޮރޯނާވައިރަހާ ހެދި އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކަށް ފަހު 200 ވަރަކަށް މީހުންނަށް މި އަދަދު މަދުވި އެވެ. އަދި މިހާރު އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލް ފެންނަނީ ފަޅުކޮށެވެ.

އޮންއެރައިވަލް ވިސާ ދިނުން ރާއްޖޭން މެދުކަނޑާލަން ނިންމިކަން އިއުލާނުކުރެއްވީ ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަަންނަ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ބޭއްވެވި ޕްރެސްކޮންފަރެންސްގަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ރާއްޖެގައި އެ ބަލި ފެތުރިދާނެ ހުރިހާ ދޮރުތައް ބަންދުކުރަން ކަަމަށެވެ. އެގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް މިހާރު ވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޖުމްލަކޮށް ދަންނަވާ ނަމަ މުޅި އިގުތިސާދަށް އަންނަނީ ވަރަށް ބޮޑަށް ގެއްލުންވަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު ސަރުކާރުން މަސަައްކަތްކުރަމުން އަންނަނީ މި ހާލަތުގައި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. ގެއްލުން ކުޑަކުރަން ސަރުކާރުން މިހައިތަނަށް އަޅާފައިވާ އަދި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް އެމަނިކުފާނު ދެއްވި އެވެ.

ރާއްޖޭން ބޭރުން އަންނަ މީހުންނާއި ފުރާ މީހުން މަދުވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިއަދު ފަޅުކޮށް. -- ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެ އަށް އެހެން ގައުމުތަކުން ކުރާ ދަތުރުތައް ހުއްޓުނަސް އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެކަމަށް ފްލައިޓެއް ޗާޓަރުކުރަން ޖެހުނަސް އެކަން ސަރުކާރުން ކުރާނެ ކަމަށެވެ.

އެހެން ގައުމުތަކުގައި ނާދެވިފައި ތިބި ދިވެހިން ގެންނަން ޖެހިއްޖެ ހާލަތެއްގައި ކުރަން ޖެހޭނެ ހަރަދު ދެނެގަނެ، އެ ހާލާތަށް ވެސް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެހިސާބަށް ނުގޮސް މިކަން ނިމޭނެ ކަމަށް އަޅުގަނޑުގެ އުއްމީދަކީ އެކަމަކު އެހިސާބަށް ގޮސްފިއްޔާ ސަރުކާރުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަށް ދަތުރުތައް ހުއްޓާލާފައި އޮންނަ މުއްދަތުގެ ތެރޭގައި އެކި ގައުމުތަކުން ވައިގެ މަގުން ގެންނަންޖެހޭ މުދާ ގެންނާނެ ގޮތްތަކެއް ހަމަ ޖައްސާނެ އެވެ. ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކާގޯ ޗާޓަރު ފްލައިޓްތަކެއް ބާއްވަން ސަރުކާރުން ވިސްނާ ކަމަށާއި އެގޮތުން ރާއްޖެއަށް ބޭނުންވަނީ ކިހާ ވަރެއްތޯ ބަލައި، އެ މިންވަރަށް ޗާޓަރު ފްލައިޓްތައް ބާއްވަން ވިސްނާ ކަމަށެވެ.

ރާއްޖޭން ބޭރުން އަންނަ މީހުންނާއި ފުރާ މީހުން މަދުވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިއަދު ފަޅުކޮށް. -- ފޮޓޯ: ސޯޝަލް މީޑިއާ

ދުވަހުން ދުވަހަށް ބޭނުންވާ މޭވާ އާއި ތަރުކާރީ ފަަދަ ބާވަތްތައް ގެންނަން އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެފަދަ ދަތުރުތައްް އިންޑިއާ، ތައިލެންޑް އަދި ޔޫއޭއީ އަށް ކުރެވޭނެ ގޮތެއް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ބަލާފައި ރަނގަޅަށް ވޮލިއުމްއެއް ހަމަވީމާ ފްލައިޓެއް ބާއްވައިގެން ގެންނަން. ދެން ބޮޑެތި ހަރަދުތައް އެކަމަކު މިއީ ކުރަން ޖެހޭނެ ކަންތައް،" ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައި މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް އޮފީސްތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މި ވަގުތަށް ވަނީ ބަންދުކޮށްފަ އެވެ.