ނޭޕާލުގައި ތިބި ދިވެހިން ގެނެވޭނީ ބޯޑަރު ހުޅުވުމުން: ޝާހިދު

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ރާއްޖެ ގެންނަން ނިންމި ނޭޕާލުގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ނޭޕާލުގައި ތާށިވެފައި ތިބި 17 މީހުން ގެނެވޭނީ އެ ގައުމުގެ ބޯޑަރު ހުޅުވުމުން ކަމަށާއި ބޯޑަރު ހުޅުވާލިހާ އަވަހަކަށް އެ މީހުން ގެނެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން މިހާރު އަންނަނީ، މި ދުވަސްވަރު ސިއްހީ ދާއިރާ އަށް އެހީތެރިކަން ދިނުމަށް، ބޭރުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ގައުމުތަކުން 70 އަށް ވުރެ ގިނަ ދަރިވަރުން ރާއްޖެ ގެނައި ފަހުން ނޭޕާލުގައި ތިބި 17 ދިވެއްސަކު އެ ގައުމުގައި ތާށިވީ ފްލައިޓްތަކުގެ ދަތުރުތައް ހުއްޓާލުމާއި އޭގެފަހުން އެ ގައުމުގެ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް، ކާފިއު އިއުލާން ކުރުމުންނެވެ. އެކަމަކު އެ މީހުން ރާއްޖެ ގެންނަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޝާހިދާއި ނޭޕާލުގެ ފޮރިން މިނިސްޓަރު ޕްރަދީޕް ގަވާލީއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލުގެ ވައިގެ ސަރަހައްދާއި ބޯޑަރުތައް ހުޅުވާލިހާ އަވަހަކަށް 17 ދިވެހިން ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން ޕްރަދީޕް ދެއްވި ކަމަށެވެ. އަދި އެ މީހުންނަށް ނޭޕާލުން ދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޝާހިދުގެ ޓްވީޓްގައިވެ އެވެ.

ޝާހިދު ކުރެއްވި ޓްވީޓް

ނޭޕާލުގައި 17 ދިވެއްސަކު ރާއްޖެ ނާދެވި ތިބިއިރު އޭގެ ކުރިން ވަނީ ނޭޕާލުގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އަދި ޕާކިސްތާނުގައި ތިބި ހަ ދިވެއްސަކު ވެސް ދާދި ފަހުން ރާއްޖެ ގެނަ އެވެ. ނޭޕާލުގައި މިހާރު ބަންދު ކޮށްފައި އޮތީ ހަފުތާގެ މުއްދަތަށެވެ. އެ މުއްދަތުގައި ޑޮމެސްޓިކް އަދި ބައިނަލްއަގްވާމީ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައި މި މަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް އޮފީސްތަކާއި ސްކޫލްތަކުގެ ކިޔެވުން ވެސް މި ވަގުތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ރާއްޖޭން މިރޭ 12:00 އިން ފެށިން، އޮންއެރައިވަލް ވިސާ ދިނުން ވެސް ހުއްޓާލާނެ އެވެ.