ކޮލެޖު ފީ ހޯދަން މިނިސްޓްރީ އަށް ދާން ނުޖެހޭ ގޮތް ހަދަނީ

ފުރަތަމަ ޑިގްރީއާ އަށް ހިލޭ ކިޔަވަން ދީފައިވާ ފުރުސަތުގައި ކިޔަވާ ބައެއް ދަރިވަރުން ކޮލެޖު ފީ އަމިއްލަ އަށް ދައްކަން ނުޖެހޭ ގޮތް ހަދައި އަދި އެ ފައިސާ ހޯދަން ކޮންމެ މަހަކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދާން ނުޖެހޭނެ އިންތިޒާމެއް ހަމަޖައްސަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައި ވާއިރު އެކަން އޮންނަނީ އެންމެ ފަސޭހަ އުސޫލުގެ ދަށުން ނޫން ކަމަށް ބުނެ ބައެއް ދަރިވަރުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ ފީގެ ވަކި ޕަސެންޓެއް ސަރުކާރުން ދައްކައިދޭ އިރު އެ ފައިސާ ދެއްކުމުގެ އުސޫލާ މެދު ބައެއް ދަރިވަރުންގެ ޝަކުވާ ބޮޑެވެ.

ކޮވިޑް-19އާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ދަރިވަރުންނަށް ވީހާ ވެސް ފަސޭހަ ވާނެ ގޮތަކަށް ކަންކަން ހަމަޖައްސަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން ކޮލެޖު ފީ ހޯދަން ދަރިވަރުން މިނިސްޓްރީ އަށް ދާން ނުޖެހި އަދި އެފައިސާ އަމިއްލަ ޖީބުން ހަރަދު ނުކޮށް، މިނިސްޓްރީ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ދެއްވާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19އާ ހެދި އައިސްފައިވާ އިގްތިސާދީ ދަތިކަމުގައި ލޯންތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފައިވާއިރު، މި ދަނޑިވަޅަށް ހާއްސަ ބައެއް ލޯން ސްކީމްތައް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.

ސްޓޫޑަންޓް ލޯނު އަނބުރާ ދައްކަން ޖެހިފައިވާ ފަރާތްތަކުގެ ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާ އަށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެހިފައިވާ ފަރާތްތަކުން މާޗް މަހުން ފެށިގެން ހަ މަސް ދުވަހަށް ސްޓޫޑެންޓު ލޯނަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި ހަމަސް ފަހުން ފައިސާ ދައްކަން ފަށާއިރު ދައްކަން ޖެހޭ އަދަދަަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.