މާވަރުލު އެއާޕޯޓަށް ދަތުރު ފެށުން މަޑުޖައްސާލައިފި

ގދ. މާވަރުލުގައި އަލަށް ތަރައްގީކުރި އެއާޕޯޓަށް ފްލައިޓް ދަތުރުތައް ފެށުން މަޑުޖައްސާލައިފި އެވެ.


ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި މަހުގެ ދިހަ ވަނަ ދުވަހު މަސައްކަތް ނިންމާފައިވާ އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަން މަޑުޖައްސާލަން ނިންމީ، ހަލުވި ކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ އެހެން ދަތުރުތައް ނުކުރަން ސަރުކާރުން އިލްތިމާސްކޮށްފައިވާތީ ކަމަށެވެ. އަދި އެކަމަށް އަމަލު ކުރުމުގެ ގޮތުން، އައިލެންޑް އޭވިއޭޝަންގެ އެހެން ދަތުރުތައް ވެސް ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.

ޓްރާންސްޕޯޓުން ބުނި ގޮތުގައި ރާއްޖޭގެ ހާލަތަށް އަންނަ ބަދަލަށް ބަލައި، މާވަރުލު އެއާޕޯޓަށް ދަތުރު ފެށުމަށް ކަނޑައަޅައި، ކުރިއަށް ދެ ހަފުތާ ތެރޭގައި އިއުލާންކުރާނެ އެވެ.

މާވަރުލު އެއާޕޯޓަކީ މި އަހަރުގެ ތެރޭގައި ދަތުރުތައް ފަށާނެ އާ އެއާޕޯޓުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިއުލާން ކުރެއްވި ފަސް އެއާޕޯޓުގެ ތެރޭގައި ހިމެނޭ ތަނެކެވެ. ނަހުލާ ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ޑިސެމްބަރުގެ ކުރިން މާވަރުލު އެއާޕޯޓުގައި އޮޕަރޭޝަންތައް ފަށާނެ އެވެ. މާވަރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ އެއާޕޯޓުގެ މަސައްކަތް މަޑުޖެހުނީ އެވެ. މިކަމުގެ ސަބަބުން އެ އަތޮޅުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.